Ads by Stelco

ޚަބަރު

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް ބާއްވަނީ

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ތިމާވެއްޓަށް ހޭލުންތެރިކުރުމަށް މަންސައެއް ބާއްވަނީ

ކޯސްޓަލް ކްލީނަޕް ޙަރަކާތުގެ ޕޯސްޓަރ.

farudhun logo

ފަރުދުން

02 އޮކްޓޯބަރު 2025، 03:48

02 އޮކްޓޯބަރު 2025، 03:48

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ މަންސައެއް ބާއްވަން ނިންމައިފިއެވެ. 

މި މަންސައަކީ، މާދަމާ ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސަރަޙައްދު ޞާފުކުރުމަށް، މާދަމާ ހެނދުނު އެޗް.ޑީ.ސީ.އިން ކުރިއަށް ގެންދާ "ކޯސްޓަލް ކްލީނަޕް" ޙަރަކާތަށް ފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް މާދަމާ ރޭ ބާއްވާ ޕެނަލް ޑިސްކަޝަންއެކެވެ. ކޯސްޓަލް ކްލީނަޕްއާއި މަންސަ ޕްރޮގުރާމުގެ މަޤުޞަދަކީ، ތިމާވެށީގެ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ ގޮނޑުދޮށް ރީތިކޮށް ބޭއްވުން ކަމުގައި އެޗް.ޑީ.ސީ.އިން މަޢުލޫމާތު ދެއެވެ.

އެޗް.ޑީ.ސީ.އިން ބުނީ، ކޯސްޓަލް ކްލީނަޕް ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00ގައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ ބީޗް ގުޅޭ ބްރިޖު ސަރަޙައްދުން ކަމަށެވެ. މި ޙަރަކާތުގެ ތެރެއިން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށާއި، މޫދު ޞާފުކޮށް ރީތިކުރުމުގެ އިތުރުން، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ޗެނަލް ސަރަޙައްދުގައި މުރަކަ އިންދުން ވެސް ކުރިއަށް ދާނެއެވެ. ކޯސްޓަލް ކްލީނަޕް ޙަރަކާތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާނެ ކަމަށް އެޗް.ޑީ.ސީ.އިން މަޢުލޫމާތު ދެއެވެ. އެ ގޮތުން، ހުޅުމާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކާއި ރިޒޯޓުތައް ވެސް މާދަމާ ޞާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ ހެނދުނު ބާއްވާ ކްލީނަޕް ޙަރަކާތުގެ ފަހުން، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާ ގުޅޭ މާހިރުންނާ އެކު ކުރިއަށް ގެންދާ މަންސަ (ޕެނަލް ޑިސްކަޝަން) މާދަމާ ރޭ 08:45ގައި އޮންނާނެ ކަމަށް އެޗް.ޑީ.ސީ.އިން ހާމަކުރެއެވެ. މި ޙަރަކާތުގައި އެކިއެކި އެން.ޖީ.އޯ.ތަކުގެ އިތުރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ވެސް ބައިވެރިވާނެއެވެ.

ހުޅުމާލޭގެ މާޙައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި، ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ވެއްޓަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ކުރިމަގުގައި ވެސް ޢާންމުންނަށް ލާބަ ހުރި މަސައްކަތްތަކާއި، އަދި ވަކީން ޚާއްޞަކޮށް ހުޅުމާލޭގެ ވެށި ޞާފުޠާހިރުކޮށް ބޭއްވުމަށް މި ފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗް.ޑީ.ސީ.އިން ހާމަކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން