ޚަބަރު
މި އަހަރުގެ މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ފަޤީރުންނަށް 14 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

ޒަކާތު ހައުސް ލޯގޯ.

ފަރުދުން
02 އޮކްޓޯބަރު 2025، 04:15
02 އޮކްޓޯބަރު 2025، 04:15
މި އަހަރުގެ މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތުގެ ގޮތުގައި 14،255،000 (ސާދަ މިލިޔަން ދެ ލައްކަ ފަންސާން ފަސް ހާސް) ރުފިޔާ ދޫކޮށްފައިވާ ކަމަށް، ޒަކާތު ހައުސްގެ ތަފާސް ޙިސާބުތަކުން ދައްކައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ ޒަކާތު ހައުސްގެ ޙިސާބުކިތާބަކީ، މި އަހަރުގެ މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ކުރެވުނު ޚަރަދުތައް ހިމެނޭ ލިޔެކިޔުމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ރިޕޯޓުން ހާމަވާ ގޮތުގައި، ޚާއްޞަ ޙާލަތްތައް ދިމާވުމުގެ ސަބަބުން ޟަރޫރީ އެހީތެރިކަން ބޭނުންވެފައިވީ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި 57,200 (ފަންސާސް ހަތް ހާސް ދުއި ސައްތަ) ރުފިޔާ ފޯރުކޮށްދީފައިވެއެވެ. މިއީ މި ކަމަށް ކަނޑައެޅިފައިވީ 153,200 (އެއް ލައްކަ ފަންސާސް ތިން ހާސް ދުއި ސައްތަ) ރުފިޔާގެ 37.3%އެވެ.
ފަޤީރުންނާއި މިސްކީނުންގެ ޞިއްޙީ ބޭސްފަރުވާއަށް ދޫކޮށްފައިވާ ޢަދަދަށް ބަލާ އިރު، އެއީ 6,915,039.48 (ހަ މިލިޔަން ނުވަ ލައްކަ ފަނަރަ ހާސް ތިރީސް ނުވަ ރުފިޔާ ސާޅީސް އަށް ލާރި)އެވެ. މި ޢަދަދު ޖުމުލަ 488 މީހުންނަށް ފޯރުކޯށްދީފައިވާ އިރު، މިއީ މި ކަމަށް ކަނޑައެޅިފައިވީ 7,075,890.49 (ހަތް މިލިޔަން ހަތް ދިހަ ފަސް ހާސް އަށް ސަތޭކަ ނުވަ ދިހަ ރުފިޔާ ސާޅީސް ނުވަ ލާރީ)ގެ 97.7% ޢަދަދެކެވެ.
ޢާމިލުންގެ ގިންތިއަށް ޖެހިލާ އިރު، ޒަކާތާ ބެހޭ ކަންކަމުގައި ޙަރަކާތްތެރިވާ އިދާރީ މުވައްޡަފުންގެ މުސާރަ ނުވަތަ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި މި އަހަރުގެ މެއި މަހުން ޖުލައި މަހަށް 801,756.10 (އަށް ލައްކަ އެއް ހާސް ހަތް ސަތޭކް ފަންސާސް ހަ ރުފިޔާ ދިހަ ލާރި) ވަނީ ޚަރަދުކޮށްފައެވެ.
މުއައްލަފަތު ޤުލޫބުހުމް ބައިން ނަންގަނެވުނު މުއްދަތުގެ ތެރޭގައި ދޫކުރެވުނު ފައިސާގެ ޢަދަދަކީ 3,500 (ތިން ހާސް ފަސް ސަތޭކަ) ރުފިޔާ ކަމަށް ޒަކާތު ހައުސްގެ ޚަރަދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއީ އަލަށް އިސްލާމް ދީން ޤަބޫލުކުރުމުގެ ސަބަބުންނެވެ.
މީގެ އިތުރުން، ފީ ސަބީލިﷲ ބައިގެ ދަށުން، ޤުރުއާން ހިތުދަސް ކުރުމަށާއި، ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް 1,829,513.29 (އެއް މިލިޔަން އަށް ލައްކަ އޮނަ ތިރީސް ހާސް ފަސް ސަތޭކަ ތޭރަ ރުފިޔާ އޮނަ ތިރީސް ލާރި) ހޭދަކޮށްފައިވެއެވެ. އަދި ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 901,030.28 (ނުވަ ލައްކަ އެއް ހާސް ތިރީސް ރުފިޔާ އަށާވީސް ލާރި) ޚަރަދުކޮށްފައިވާ އިރު، މަތީ ތަޢުލީމު ފަހިކުރުމަށް ޚަރަދުކޮށްފައިވަނީ 60,488.76 (ފަސް ދޮޅަސް ހާސް ހަތަރު ސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތް ދިހަ ހަ ލާރި)އެވެ.
އަދި އިބުނުއްސަބީލް ބައިގެ ދަށުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ޙާލުގައި ޖެހިފައި ތިބި ފަރާތްތަކަށް ޖުމުލަ 693,707.24 (ހަ ލައްކަ ނުވަ ދިހަ ތިން ހާސް ހަތް ސަތޭކަ ހަތް ރުފިޔާ ސައުވީސް ލާރި) ހޭދަކޮށްފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާތު ޙިސާބުތަކުގައި ވެއެވެ.
ޒަކާތުގެ ޙައްޤުވެރީން ކަމުގައި ކީރިތި ޤުރުއާނުގައި 7 ބާވަތެއްގެ މީހުން ކަނޑައަޅުއްވާފައިވެއެވެ. އެއީ:
- ފަޤީރުން
- މިސްކީނުން
- ޢާމިލުން
- މުއައްލަފަތު ޤުލޫބުހުމް
- ފިއް ރިޤާބް
- ޣާރިމުން
- ފީ ސަބީލިﷲ
- އިބުނުއްސަބީލް
މިއެވެ.
މި ގިންތިތަކުގެ ތެރެއިން، ރިޤާބު ގިންތިއަކީ އަޅުން މިނިވަންކުރުމަށް ހަމަޖެހިފައިވާ ގިންތިއެވެ. ވީމާ، އެއީ މި ޒަމާނުގައި ޚަރަދުދޭން ޖެހޭ ގިންތިއެއް ނޫނެވެ. ނަމަވެސް އެހެން ގިންތިތަކަށް ޒަކާތު މުދާ ފޯރުކޮށްދިނުމަކީ، ޒަކާތާ ޙަވާލުވާ މުއައްސަސާތަކުން އަދާކުރާން ޖެހޭ ވާޖިބެކެވެ.