ދުނިޔެ

އަފްޣާނިސްތާނަށް އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް އިޢާދަކޮށްފި

އަފްޣާނިސްތާނަށް އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް އިޢާދަކޮށްފި

އަފްޣާނިސްތާނަށް އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް އިޢާދަކޮށްފި.

farudhun logo

ފަރުދުން

02 އޮކްޓޯބަރު 2025، 04:37

02 އޮކްޓޯބަރު 2025، 04:37

އަފްޣާނިސްތާނުގައި އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް ކަނޑާލިތާ 48 ގަޑި އިރު ފަހުން، އެ ޚިދުމަތްތައް އަލުން ދޭން ފަށާފައިވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.

އަފްޣާނިސްތާނުގައި މޯބައިލް ޚިދުމަތް ދޭ ބޭރުގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ "ރޯޝަން" އާއި "އިއްތިޞާލާތު" ކުންފުނިތަކުގެ ޚިދުމަތް މިއަދު މެންދުރުފަހުން ފެށިގެން ވެރިރަށް ކާބުލް އާއި އެހެން ސިޓީތަކުގައި އިޢާދަކޮށްފައިވާ ކަމަށް، އެ ކުންފުނިތަކުން ބުނެއެވެ. 

މި ޚިދުމަތް މެދުކަނޑާލީ، އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން އަންގައިގެން ކަމަށް ތުހުމަތުކުރި ނަމަވެސް، އެ ޚިދުމަތްތައް މެދުކެނޑުނީ މުހިންމު މަރާމާތުތަކެއް ކުރަން ކަމަށް ޠާލިބާން ސަރުކާރުގެ އިދާރީ ބޭފުޅަކާ ޙަވާލާދީ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

ޠާލިބާންގެ ސަރުކާރުން ދާދި ފަހުން ވެސް ވަނީ އިންޓަރނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަންނަ ކަމަށް ބުނެ، ބައެއް ސަރަޙައްދުތަކަށް އިންޓަރނެޓު މެދުކަނޑާލުމަށް އަމުރުކޮށްފައެވެ.

އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް ނުލިބި، ރައްޔިތުން ބޮޑެތި ނުރައްކައުތަކަށް ހުށަހެޅޭ ކަމުގެ ކަންބޮޑުވުން ފައުޅުކޮށް، އެކުވެރި ދައުލަތްތަކުން ވަނީ މި ފަދަ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

އަފްޣާނިސްތާނުގައި އިންޓަރނެޓާއި މުވާޞަލާތީ ޚިދުމަތް ކަނޑާލާފައިވަނީ، އަފްޣާނިސްތާނަށް ފަހުގެ ތާރީޚުގައި އައި ބާރުގަދަ ޒަލްޒަލާގައި ލިބުނު ގެއްލުންތައް ފޫ ބެއްދުމަށް އެތައް ހާސް ޢާންމުން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ. މި ޚިދުމަތްތައް ނުލިބި، އެ މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް މީޑިޔާ މަޞްދަރުތަކުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން