ޚަބަރު
ގުޅީފަޅުން ދޫކުރި ގޯތިތަކާއި ގުޅިގެން ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި!
ގުޅީފަޅުން ހިއްކާފައިވާ ސަރަޙައްދު. ފޮޓޯ: ގެދޮރުވެރިކަމާ ބިނާރާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ހުލާސާ
ގުޅީފަޅުން ދޫކުރި ގޯތިތަކާއި ގުޅިގެން ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެވުޒާރާއިން 29 އޮކްޓޯބަރު 2024 ގައި ބޭއްވި ގުރުއަތުލުމާއި އެކު ގޯތި ލިބިފައިވާ ފަރާތްތަކުގެ ފޯމުނަންބަރާއި ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްޞީލް ހިމެނޭ ލިސްޓެއް އިޢުލާނުކޮށްފައިވާ ކަމަށެވެ.
އެގޮތުން ދޫކޮށްފައިވަނީ:-
• 1250 އަކަފޫޓުގެ 669 ގޯތި
• 1650 އަކަފޫޓުގެ 1234 ގޯތި
• 2050 އަކަފޫޓުގެ 916 ގޯތި
• 2450 އަކަފޫޓުގެ 473 ގޯތި
• 2850 އަކަފޫޓުގެ 158 ގޯތި
• 3250 އަކަފޫޓުގެ 49 ގޯތި
• 3650 އަކަފޫޓުގެ 21 ގޯތި
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އެންގުމުގައި އިތުރަށް ބުނެފައިވަނީ ގުޅީފަޅުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތްނަމަhttps://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް 07 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށައެޅުމަށެވެ.