ޚަބަރު
2025 އަށް ލަފާކުރާ ބަޖެޓް: އާމްދަނީގެ ގޮތުގައި ލިބޭ ބޮޑުބައެއް ޚަރަދު ކުރަންޖެހެނީ ދަރަނި ދެއްކުމަށް!
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވަޒީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:މަޖިލިސް
މިހާރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހޭދަކުރަން ޖެހިފައިވަނީ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓްރެސްޓް އަށް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވީ އިޤްތިޞާދު ފުޅާކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ މުހިންމު ޚިދުމަތްތަކަށް ކުރަންޖެހޭ ހޭދަތަކުގެ ނަމުގައި ސަރުކާރުގެ ހަރަދު ފާއިތުވީތަނުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައިވާކަމަށެވެ.
އަދި މީގެ ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ބަޖެޓް މިދިޔަ އަހަރު 50.9 ބިލިއަން ރުފިޔާއަށް އަރުވާފައިވާކަމަށާއި ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމްލަ ދަރަނި ގެންގޮސްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ފައިނޭންސް ކުރާނެ ގޮތުގެ ޕްލޭނެއް ނެތުމާއި ހަރަދު އުފުލެމުން ދިއުމުގެ ސަބަބުން ސަރުކާރަށް ިދުމަތް ފޯރުކޮށްދޭ ކޮންޓެރެކްޓަރުންނާއި ވެންޑަރުންގެ ބިލްތަކަށް އަދާކުރަންވާ ފައިސާ އަދާނުކުރެވި ބިލްތައް ފުނިޖެހިފައިވާކަމަށާއި ފާއިތުވީ އަހަރުތަކުގައި ފިސްކަލް ޕޮލިސީއެއް ނެތި ރޭވުންތެރިކަމެއްނެތި ތަންފީޒުކުރުމުގެ ސަބަބުން މާލިއްޔަތާއި ގައުމު އޮތީ ނުރައްކާތެރި ހާލަތަކަށް ހުށަހެޅިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަމިއާއިއެކު ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އެގޮތުން ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނުދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ހިމަނާފައިވާ ބަޖެޓެއްކަން މާލީ ވަޒީރު ޒަމީރުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.