ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕްރެޒެންޓަރު ޝަރުޠުތަކަކާ އެކު ދޫކޮށްލައިފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޢިނާޔަތާއި، އިތުރު ދެ މީހުން.

ފަރުދުން
04 އޮކްޓޯބަރު 2025، 10:42
04 އޮކްޓޯބަރު 2025، 10:42
މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި، ޕަބްލިކް ސަރވިސް މީޑިޔާގެ ޓީ.ވީ. ޕްރެޒެންޓަރު ޢިނާޔަތު ޢަލީ، ޝަރުޠުތަކަކާ އެކު އިއްޔެ ދޫކޮށްލައިފިއެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ޢިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ، މި ދިޔަ މަހުގެ 25ވަނަ ދުވަހުގައެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، ތަޙުޤީޤީ ބޭނުމަށް ހަތް ދުވަހުގެ ބަންދެއްގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން، ޝަރުޠުތަކަކާ އެކު އޭނާ އިއްޔެ ބަންދުން މިނިވަންކުރަން ކޯޓުން ކަނޑައެޅީއެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފައެވެ. އޭގެ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ، ޢުމުރުން 34 އަހަރުގެ ޢިނާޔަތުގެ އިތުރު، ޢުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙުމަދާއި، 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙުމަދެވެ. އޭގެ ތެރެއިން އައިޝް އާއި ޢިއްލިއްޔީނަކީ މއ. މަޒާގައި ދިރިއުޅޭ ދެބެއިންނެވެ. އަދި ޕްރެޒެންޓަރު ޢިނާޔަތަކީ ހދ. ކުޅުދުއްފުއްޓަށް އުފަން މީހެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ އައިޝް އެކަންޏެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ އަންނަ ހޯމަ ދުވަހަށް ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުންގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޢިނާޔަތާއި ޢިއްލިއްޔީންގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ.
ޢިއްލިއްޔީން މިހާރު ދިރިއުޅޭ ކަމަށް ބުނާ އެޕާޓްމަންޓުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެތަނަށް ދިޔަ ފުލުހުން ބުނާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. އައިޝްއާ ގުޅޭ ތަނެއް ބަަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަޤުތީ ބަރުދަނުގައި 1،246 ގްރާމު ހުރި ކަމަށް ވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.
ކޯޓު އަމުރުގައި ބުނީ، ޢިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްފައިވާ އެއް ބިޑި ފެނިފައިވާ ކަމަށާއި، އެ ތަނުގައި އޭނާގެ އައިޑީކާޑު ވެސް އޮތް ކަމަށެވެ.