ދުނިޔެ
ފަލަސްޠީނާ އެއްކޮޅަށް އިޓަލީގައި އޮތް އެއްވުން: ބަސްތަކުގެ ވެސް މިސްރާބަކީ ޣައްޒާ ކަމަށް ބުނެފި!

އިޓަލީވިލާތުގައި އިއްޔެ އޮތް އެއްވުން.

ފަރުދުން
04 އޮކްޓޯބަރު 2025، 11:53
04 އޮކްޓޯބަރު 2025، 11:53
ފަލަސްޠީނަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ މީހުން ނުކުމެ، އިޓަލީގައި އިއްޔެ ވަނީ ޤައުމީ ފެންވަރުގައި އަޑު އުފުލާފައެވެ. އަޑު އުފުލީ، އިސްރާއީލުން ޞުމޫދު ފްލޮޓިއްލާ އިންޓަރސެޕްޓް ކުރުމާ ދެކޮޅަށެވެ. މުޅި އިޓަލީގައި އިއްޔެ ދެ މިލިޔަނެއްހައި މީހުން ނުކުތް ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ވެރިރަށް ރޯމްގައި އެކަނި ވެސް ތިން ލައްކަ މީހުން މި ޙަރަކާތުގައި ބައިވެރިވެފައިވެއެވެ. އިއްޔެގެ އެއްވުމަށް ވުރެ މާ ބިޔަ އެއްވުމެއް މިއަދު ފެނިގެންދާނެ ކަމަށް ވެސް މީޑިޔާތަކުން ބުނެއެވެ.
އިއްޔެ އިޓަލީވިލާތުގައި ކުރިއަށް ދިޔަ މި ޤައުމީ ޙަރަކާތުގެ ސަބަބުން، ޢާންމު ޚިދުމަތްތައް އެކީ އެކަށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ. މި އެއްވުމުގައި އިޓަލީގެ އެންމެ ބޮޑެތި ޓްރޭޑް ކުންފުނިތައް ބައިވެރިވެފައިވާ އިރު، އިޓަލީގެ ދަތުރުފަތުރުގެ ގިނަ ވަސީލަތްތަކާއި، ތަޢުލީމީ މަދަރުސާތަކާއި، ޞިއްޙީ ނިޡާމުގެ ޚިދުމަތް އިއްޔެ މެދުކަނޑާލަން ޖެހުނެވެ. މީގެ އިތުރުން، ގިނަ ހައިވޭތަކާއި ބަނދަރުތަކަށް ވެސް ހުއްޓުން އައިސްފައިވާ ކަމަށް ބައިނަލްއަޤްވާމީ މަޞްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ގޮތުން، މުޡާހަރާކުރި ފަރާތްތަކުން ވަނީ ޕީސާ، ޕެސްކާރާ، ބޮލޯނާ، އަދި މިލާންގެ ހައިވޭތައް ފުރާލައިފައެވެ. އަދި ލިވޯނޯ ބަނދަރުގެ ދަތުރުފަތުރަށް ވެސް މި ކަމުގެ ސަބަބުން ލޮޅުންތަކެއް ވަނީ އަރާފައެވެ.
އިޓަލީގައި އިއްޔެ އޮތް ބޮޑު އެއްވުމުގެ ސަބަބެއް ކަމަށް ބުނަނީ، މި ހަފުތާގެ ކުރީކޮޅު، ޣައްޒާއަށް ދަތުރުކުރި ޞުމޫދު ފްލޮޓިއްލާ އިސްރާއީލުން އިންޓަރސެޕްޓް ކުރުމެވެ. އެ ފްލޮޓިއްލާއަކީ، ޣައްޒާއަށް ޟަރޫރީ އެހީ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ 42 އުޅަނދު ހިމެނޭ އިންސާނީ އެހީގެ މަޝްރޫޢެކެވެ. އެ ފޮލްޓިއްލާގައި ތިބި 40 އިޓަލީ މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ޤާނޫނު ހަދާ ފަރާތްތަކާއި، ނޫސްވެރީންނާއި، ޢާންމުން ހިމެނެއެވެ. ނަމަވެސް، ހައްޔަރުކުރެވުނު 40 މީހުންގެ ތެރެއިން 4 މީހަކު ދޫކޮށްލެވި، އަނބުރާ އިޓަލީއަށް އަންނަން ތައްޔާރުވެފައިވާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މިލާންއަށް ބަލައިލާ އިރު، "ފަލަސްޠީނު މިނިވަންކުރޭ: ހަނގުރާމަ މެޝިނުތައް ހުއްޓުވާ" މި ފަދައިން ލިޔެފައިވާ ބެނަރއެއް ހިފައިގެން 80،000 މީހުން ހިނގާލުމުގައި ވަނީ ބައިވެރިވެފައެވެ. އިޓަލީގައި ހިންގާ "ޕަލެސްޓިނިއަން ސްޓޫޑެންޓް މޫވްމެންޓް"ގެ ލީޑަރު މާޔާ އީސާ ބުނީ، އެއް މިލިޔަން މީހުން މި ކަމުގައި އަދު ނެރެން ޖެހޭ ކަމަށެވެ.
މިއަދު އަހަރެމެންނަކީ އެތައް ލައްކަ މީހުން. މާދަމާ ފަލަސްޠީނަށްޓަކައި އަހަރެމެން މިލިޔަނަކަށް ވާން ޖެހޭ.
މާޔާ އިއްޔެގެ އެއްވުމުގައި ބުންޏެވެ.
އިއްޔެ އިޓަލީގައި ބޭއްވި ފަލަސްޠީނު ޙަރަކާތުގައި އެ ޤައުމުގެ ހުރިހައި ފަންތިއަކާއި ހުރިހައި ގިންތިއެއްގެ މީހުން އެއްބާރުލުން ދީފައިވެއެވެ. އެ ގޮތުން، ކިޔަވާ ކުދީން، މަސައްކަތްތެރީން، ރިޓަޔަރކުރައްވާފައި ތިބި އިސް ބޭފުޅުން، އަދި ޢާންމު ޢާއިލާތަކުގެ ކުދި ބޮޑު މެންބަރުން، އެ ޙަރަކާތުގެ ތެރެއިން ފެނިގެން ދިޔައެވެ. އިސްރާއީލުގެ ޢުދުވާނީ ޖަރީމާތައް ނިމުމަކަށް ގެނައުމަށް ގިނަ ބަޔަކު ވަނީ ވަކާލާތުކޮށްފައެވެ. އިއްޔެ ރޫމްގައި ދުއްވި ބަސްތަކުގައި ވެސް، ބަސްތައް ދަތުރުކުރާ މިސްރާބުގެ ބަދަލުގައި ހުރީ ޣައްޒާގެ ނަން ފަލަ އަކުރުން ފަވާލާފައި ކަން، ސޯޝަލް މީޑީޔާގައި ފާހަގަކޮށްފައިވެއެވެ.
حتى الباص اليوم في روما وجهته غزة كما ترون 🤌🏻 pic.twitter.com/ZQUopRvEXg
— Wejdene Bouabdallah 🥏 (@tounsiahourra) October 3, 2025
އިޓަލީވިލާތުގެ ބޮޑުވަޒީރު، ޖޯރޖިއާ މެލޯނީގެ ސަރުކާރަކީ އިސްރާއީލަށް ނަޞްރު ދީ، އެއްބާރުލުން ދޭ ސަރުކާރެކެވެ. ވީމާ، މި އެއްވުންތަކުގެ ސަބަބުން އިޓަލީ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރުވެފައިވާ ކަމަށް މާހިރުން ވަނީ ހާމަކުރައްވާފައެވެ. ދައުލަތެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަނެވިދާނެ ކަމަށް ބޮޑުވަޒީރު މެލޯނީ މި ފަހަކުން ވިދާޅުވެފައިވީ ނަމަވެސް، އެއީ ޝަރުޠުތަކަކާ އެކުގައެވެ. މި ގޮތުން، ޙަމާސުން އިސްރާއީލީ ހުރިހައި އަސީރުން މިނިވަންކޮށް، ފަލަސްޠީނުގެ ވެރިކަން ދޫކޮށް ޙަމާސުން ފަހަތަށް ޖެހުމުން ނޫނީ ފަލަސްޠީނުގެ ދައުލަތް ބަލައިނުގަނެވޭނޭ ކަމަށް މެލޯނީ ވިދާޅުވިއެވެ. ނަމަވެސް އިޓަލީގެ ޢާންމުން ވަކާލާތުކުރަމުން ދަނީ، ޝަރުޠުތަކާ ނުލާ، ފުރިހަމަ ގޮތެއްގައި ފަލަސްޠީން ބަލައިގަތުމަށެވެ.
ރޯމްގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގެ ޕޮލިޓިކަލް އެނެލިސްޓެއް ކަމުގައިވާ އާންޑްރިއާ ޑެސީ ވިދާޅުވީ، އިޓަލީ ސަރުކާރަށް މި އެއްވުންތަކުން ލިބެމުންދާ ޕްރެޝަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. މި ގޮތުން، މިއަދު އިޓަލީގައި އޮންނަ އެއްވުން އިއްޔެއަށް ވުރެ މާ ކާމިޔާބުވާނެ ކަމަށް އާންޑްރިއާ ވަނީ ލަފާކުރައްވާފައެވެ.
އިސްރާއީލުން ޞުމޫދު ފްލޮޓިއްލާ އިންޓަރސެޕްޓް ކުރުމަކީ ބައިނަލްއަޤްވާމީ އަޑު އުފުލުންތަކަކަށް މަގުފަހިވި ޢަމަލެކެވެ. މި ގޮތުން، ބާސެލޯނާ، އޮސްޓްރޭލިޔާ، އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގައި ވެސް އިސްރާއީލުގެ މި ޢަމަލުތައް ހަރު އަޑުން ކުށްވެރިކުރަމުން ދެއެވެ. ހަމަ އެހެންމެ، އިސްރާއީލުގެ އިންޓަރސެޕްޝަނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ދިމާ އިދިކޮޅު ޢަމަލެއް ކަން، އެކުވެރި ދައުލަތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ފާހަގަކުރަމުން ދެއެވެ.