ދުނިޔެ
ޓްރަމްޕްގެ ހުށަހެޅުއްވުން ތަންފީޛުކުރަން ފެށުމަށް ތައްޔާރު: އިސްރާއީލާއި ފަލަސްޠީން

އިސްރާއީލް-ޙަމާސް ހަނގުރާމައިގެ ތެރެއިން.

ފަރުދުން
04 އޮކްޓޯބަރު 2025، 01:01
04 އޮކްޓޯބަރު 2025، 01:01
އިސްރާއީލާއި ފަލަސްޠީނާއި ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުން ޙައްލުކުރުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭން ތަންފީޛުކުރަން ފެށުމަށް ތައްޔާރު ކަމުގައި އިސްރާއީލާއި ފަލަސްޠީނުން ބުނެފިއެވެ. ދެ އަހަރުގެ މުއްދަތަކަށް ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައަށް ނިމުމެއް ގެނައުމަށްޓަކައި ހުޅުވިގެން ދިޔަ މިއީ އައު ދޮރެއް ކަމުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބުނެއެވެ.
ފަލަސްޠީނުގެ ވެރިކަން ކުރަމުން އަންނަ ޙަމާސް ޖަމާޢަތުން މިއަދު ބުނީ، ޓްރަމްޕްގެ ޕެލޭނާ އެއްގޮތަށް، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލީ އަސީރުން މިނިވަންކުރަން ތައްޔާރު ކަމުގައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ވެރިކަން މުސްތަޤިއްލު ވަޤުތީ ސަރުކާރަކާ ޙަވާލުކުރުމަށް ރުހޭ ކަމަށް ވެސް ޙަމާސުން ވަނީ ހާމަކޮށްފައެވެ.
އަދި މި ވަޝްވަރާގައި ޙަމާސްއިން ހަތިޔާރުތައް އެއްފަރާތް ކުރާނޭ ކަމަށް ޞަރީޙަކޮށް ބުނެފައެއް ނުވިނަމަވެސް، އެއީ ވެސް ޓްރަމްޕްގެ ޕްލޭންގައި އެކުލެވޭ ޝަރުތެކެވެ.
ޙަމާސްއިން ނެރުނު ބަޔާނަށް ރައްދުދެމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އިދާރާއިން ބުނީ، ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް ޢަމަލީ ޞިފަ ގެނައުމަށް އިސްރާއީލުން ތައްޔާރު ކަމަށެވެ. މި ކަމުގެ ތެރޭގައި، ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ޙަމަލާތައް ހުއްޓާލައި، ދިފާޢީ ގޮތެއްގައި ނޫނީ ޙަމަލާ ނުދިނުން ހިމެނިގެން ވެއެވެ.
ރައީސް ޓަރްމްޕްގެ ހުށަހެޅުއްވުމަށް ޙަމާސްއިން އިޖާބަދިނުމާ ގުޅިގެން، ޓްރަމްޕް ވަނީ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. "ޓްރުތް ސޯޝަލް"ގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙަމާސްއިން ދާއިމީ ސަލާމަތްތެރިކަން އެދޭ ކަމަށް ޓްރަމްޕް ޤަބޫލުކުރައްވާ ކަމަށާއި، އިސްރާއީލީ އަސީރުން މިނިވަންކުރަން ފުރުޞަތެއްގެ ގޮތުގައި އިސްރާއީލުން ފަލަސްޠީނަށް ބޮންއެޅުން ހުއްޓާލާން ޖެހޭ ކަމަށެވެ.
އިސްރާއީލާއި ޙަމާސްގެ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޓަރަމްޕް ހުށަހެޅުއްވި ޕްލޭންގައި 20 ނުކުތާ ހިމެނެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބައެއް ނުކުތާތަކަކީ:
- ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 48 އިސްރާއީލީ އަސީރުން މިނިވަންކުރުން
- މި ކަމުގެ ބަދަލުގައި، އިސްރާއީލުން 1،950 ފަލަސްޠީނީ އަސީރުން ދޫކޮށްލާނެ
- ޣައްޒާގެ ވެރިކަން ދޫކޮށްލާ، ޙަމާސްއިން ހަތިޔާރު އެއްކިބާ ކުރަން ޖެހޭ
- ޢަރަބި ޤައުމުތަކުގެ ސިޔާދަތުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޓީމަކުން ޣައްޒާގެ އަމާންކަން ކަށަވަރުކުރާނެ
- ދާއިމީ ސަރުކާރެއް އެކުލަވާލެވުމަށް ދާންދެން، ޣައްޒާގައި ވެރިކަންކުރާނީ ވަޤުތީ ކޮމިޓީއެއް
- ފަލަސްޠީނީ މިނިވަން ދައުލަތެއް ޤާއިމުވާން ޖެހޭ
ފާހަގަކޮށްލެވޭ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ހުރިހައި ޝަރުޠަކަށް ޙަމާސްއިން އެއްބަސްވެފައެއް ނުވެއެވެ. ޚާއްޞަ ގޮތެއްގައި ޣައްޒާގެ ކުރިމަގާއި، ފަލަސްޠީނީ ޙައްޤުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރަން ޖެހޭ ކަމަށް ޙަމާސްއިން ވަނީ ބުނެފައެވެ. ހަމަ އެހެންމެ، ފަލަސްޠީނީ ސިޔާސަތުގައި ޙަމާސްއިން ޝާމިލުވާން އެދޭ ކަމަށް އެ ޖަމާޢަތުން ހާމަކުރިއެވެ. ނަމަވެސް، މިއީ ޓްރަމްޕްގެ ޕްލޭން ހުއްދަކުރާ ކަމެއް ނޫނެވެ.
ޓްރަމްޕްގެ ހުށަހެޅުއްވުމަށް އެއްބަސްވުމަށްޓަކައި ޓްރަމްޕް ޙަމާސްއަށް މުހުލަތު ދެއްވީ އާދީއްތަ ދުވަހުގެ (މާދަމާގެ) ހަވީރާ ހަމައަށެވެ. އެހައި އިރަށް ޙަމާސްއިން އެއްބަސް ނުވެއްޖެ ނަމަ، ނަތީޖާ ނުހަނު ހިތިވާނެ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
މި ކަމަށް އެއްބަސް ނުވެއްޖެ ނަމަ، ދުވަހަކު މީހަކު ލޮލުން ނުދެކޭ ފަދައިން، ޖަހަންނަމަ ފައުޅުވާނެ.
ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
އިސްރާއީލާއި ޙަމާސް ދެމެދުގައި ހިނގާ ކަންކަން ހުއްޓުވައި، ސަލާމަތްތެރިކަން ޤާއިމުކުރުމަށް މިޞްރާއި، ޤަޠަރާއި، ތުރުކީވިލާތުން އެއްބާރުލުން ދެއެވެ. ޙަމާސުން ދިން ރައްދަކީ "ރަނގަޅު ފިޔަވަޅެއް" ކަމަށް މިޞްރުން ވަނީ ހާމަކޮށްފައެވެ. އަދި ޙަމާސުން އިޖާބަދިން ދިނުމަށް ޤަޠަރުން ވެސް ރުހޭ ކަމަށް، އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
The State of Qatar welcomes the announcement by Hamas of its agreement to President Trump’s plan, and its readiness to release all hostages as part of the exchange framework outlined in the plan.
— د. ماجد محمد الأنصاري Dr. Majed Al Ansari (@majedalansari) October 3, 2025
We also affirm our support for the statements made by the President calling for an…
ޓްރަމްޕް އެކުލަވާލެއްވި ޕްލޭންގެ ދަށުން ހަނގުރާމައަށް ނިމުމެއް އައިސްދާނެ ކަމުގެ އުންމީދުތަކެއް ގިނަ ބަޔެއްގެ މެދުގައި އުފެދިފައިވީ ނަމަވެސް، މި ކަމުގައި އިތުރަށް މަޝްވަރާކުރަން ޖެހޭ ތަފްޞީލުތަކެއް އެބަ ހުއްޓެވެ. އެންމެހައި ޝަރުޠުތަކަށް ދެ ޤައުމުން އެއްބަސްވާނެ ކަމުގެ ޔަޤީންކަން އަދި ދެވޭކަށެއް ނެތެވެ.