ޚަބަރު
ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ ނަސޭހަތްތެރިވުމުން ވެސް އެއްބާރުލުން ނުދިނުމުން: ޚާރިޖީ ވަޒީރު

ރޭގެ މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ދިއުމަށް މަސައްކަތްކުރުމުން، އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަނީ، ފޮޓޯ: ސަން
ރޭ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މާލޭގައި ބޭއްވި އެއްވުމުގައި، ފުލުހުން ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރީ ނަސޭހަތްތެރިވުމަށްފަހު އެއްބާރުލުންނުދީ، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުންކަމަށް، ޚާރިޖީ ވަޒީރު ޢަބްދުالله ޚަލީލު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ކުރީގެ ޙާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް، އަބްދުالله ޝާޙިދު "އެކްސް"ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޝާހިދު ވިދާޅުވީ، ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ މުޒާހަރާ ސުލްޙަވެރިކަމާއެކު ކުރިޔަށް ގެންދަނިކޮށް ކަމަށެވެ. އަދި މިއީ ޖިސްމާނީ ސިއްޙަތަށް ގެއްލުންހުރި އާލާތެއްކަމަށް ވިދާޅުވެ، ޝާޙިދުވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ.
ނަމަވެސް ވަޒީރު ޚަލީލު ވިދާޅުވީ، އެއްވެ އުޅުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ފުލުހުންނާއި އެމްޑީޕީއިން މަޝްވަރާކުރި ނަމަވެސް، އެ ޕާޓީއިން އެއްބަސްވި ގޮތާ ޚިލާފުވި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ފުލުހުން އެންގީ ބޮޑުތަކުރުފާނު މަގުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށްކަމަށްވިޔަސް، އެ ޕާޓީގެ ލީޑާރޝިޕުގެ އިރުޝާދާއެކު މުޒާހަރާގެ ބައިވެރިން މަޖީދީ މަގުގައި ހުރި ބެރިކޭޑުތައް ފަޅާލުމަށްފަހު ގަދަބާރުން އެ މަގުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރިކަމަށެވެ. އަދި މި މަސައްކަތުގެ ތެރޭގައި ފުލުހުންގެ ޝީލްޑެއް އަތުލިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
In line with the Freedom of Assembly Act (Act No. 1/2013), police designated Boduthakurufaanu Magu as the protest route after discussions with the MDP. However, with the party leadership's guidance, demonstrators defied the agreement, forcing their way into Majeedhee Magu,… https://t.co/03S34ajkh6
— Abdulla Khaleel (@abkhaleel) October 4, 2025
މުޒާހަރާގެ ބައިވެރިންގެ ޢަމަލުތައް މިފަދައިން ބަހައްޓައި، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތަންފީޒުކުރުމަށް ހުރަސްއެޅިކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ފުލުހުން މަސައްކަތްކުރީ ކެތްތެރިކަމާއެކު، ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، މިފަދަ ކަންކަމުގައި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް ވަޒީރު ގޮވާލެއްވިއެވެ.
މުޒާހަރާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެންފުޅި އުކާފައިވާ ކަމަށެވެ. އަދި، އެ ޢަމަލުތައް ހިންގި މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.
އެ މުޒާހަރާއާ ގުޅިގެން ދާޚިލީ ވަޒީރު ޢަލީ އިޙުސާން ރޭ ވިދާޅުވީ، އެމްޑީޕީން އަމަލުކުރި ގޮތުން އެ ޕާޓީގެ މަޤުސަދަކީ ސުލްޙަވެރި ހަރަކާތެއް ބޭއްވުން ނޫންކަމަށް ބެލެވެން އޮތް ކަމަށެވެ.