ދުނިޔެ
ޞުމޫދު ފްލޮޓިލާގެ ފަހު އުޅަނދު ހުއްޓުވުމާ ވިދިގެން، އައު ފްލޮޓިލާއެއް ޣައްޒާއާ ދިމާއަށް!

އައު ފްލޮޓިއްލާއެއް ޣައްޒާއާ ދިމާއަށް ދަތުރުކުރަން ފެށުން.

ފަރުދުން
04 އޮކްޓޯބަރު 2025، 01:06
04 އޮކްޓޯބަރު 2025، 01:06
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުން ދިޔަ ބައިނަލްއަޤްވާމީ ޞުމޫދު ފްލޮޓިލާގެ ފަހު އުޅަނދު އިސްރާއީލުން ހުއްޓުވުމާ ވިދިގެން، "ތައުޒަންޑ މެޑްލީންސް" ނަމަކަށް ކިޔާ އައު ފްލޮޓިލާއެއް ޣައްޒާއާ ދިމާއަށް ދަތުރުކުރަން ފަށައިފިއެވެ. ދި އިންޓަރނޭޝަނަލް ކޮމިޓީ ފޯ ބްރޭކިންގ ދަ ސީޖް އޮން ގާޒާ (ޣައްޒާއަށް ކުރިމަތިވެފައިވާ ޙިޞާރު ހުއްޓުވުމާ ބެހޭ ބައިނަލްއަޤްވާމީ ކޮމިޓީ)އިން އިއްޔެ ހާމަކުރި ގޮތުގައި، ތައުޒަންޑ މެޑްލީންސް ފްލޮޓިލާގެ ޖުމުލަ 9 އުޅަނދު ވަނީ މިޞްރުގެ އުތުރު އައްސޭރިއަށް ވާޞިލުވެފައެވެ. އަދި ޣައްޒާއާ ދިމާއަށް ދަތުރުކޮށް، އިސްރާއީލުގެ ޙިޞާރުކުރުމާ ދެކޮޅަށް "ގޮން ޖަހަން" މަސައްކަތްކުރާނެ ކަމަށް ވެސް އެ ކޮމިޓީން ބުނެފައިވެއެވެ.
އެ ކޮމިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޓީން ޣައްޒާއަށްޓަކައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.
We NEVER give up. another 9 ships are heading to Gaza.
— ICBSG | اللجنة الدولية لكسر الحصار عن غزة (@ICBSOFGAZA) October 3, 2025
NOW is the time for the world to unite against Zionism. https://t.co/TnP99iw26y
މި ދިޔަ ބުރާސްފަތި ދުވަހު ފްރީޑަމް ފްލޮޓިއްލާ ކޯލިޝަން (އެފް.އެފް.ސީ.)އިން ވަނީ، 11 އުޅަނދެއް ޣައްޒާއާ ދިމާއަށް ދަތުރުކުރަމުން ދާ ކަމަށާއި، މި ކަމުގެ މަޤުޞަދަކީ އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ 18 އަހަރުގެ ބަންދުކުރުން ހުއްޓުމަކަށް ގެނައުން ކަމަށް ހާމަކޮށްފައެވެ. އެ 11 އުޅަނދަކީ، ތައުޒަންޑ މެޑިލީންސްގެ 9 އުޅަނދުގެ އިތުރުން، އެފް.އެފް.ސީ.ގެ 2 އުޅަނދެކެވެ.
އެ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 100އެއްހައި މީހުން ތިބި އެ އުޅަނދުތައް އޮތީ، ގްރީސްގެ ޖަޒީރާ ކްރެޓޭގެ އައްސޭރީގައެވެ.
2008ވަނަ އަހަރު އިފްތިތާޙުކުރި އެފް.އެފް.ސީ.އަކީ، ޣައްޒާގައި އިސްރާއީލުން ހިންގަމުން ދާ ޢުދުވާނާ ދެކޮޅަށް އެތައް މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާ ޖަމާޢަތެކެވެ.
ޣައްޒާއާ ދިމާއަށް މިސްރާބު ޖަހާފައިވާ އައު އުޅަނދުތައް ދަތުރަށް ފެށީ، ޣައްޒާއަށް ދަތުރުކުރަމުން ދިޔަ ޞުމޫދު ފްލޮޓިއްލާގެ 40އަށް ވުރެ ގިނަ އުޅަނދު އިސްރާއީލުން ހިފެހެއްޓުމުގެ ދެ ދުވަސް ފަހުންނެވެ. އެ ޞުމޫދު އުޅަނދުތަކުގައި ތިބި 450އަށް ވުރެ ގިނަ މީހުން އިސްރާއީލުން ވަނީ ހައަޔަރުކޮށްފައެވެ.
ގާތްގަނޑަކަށް 2.4 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާ އިސްރާއީލުން ޙިޞާރުކޮށްގެން އުޅޭތާ 18 އަހަރު ވެފައިވާ އިރު، މި އަހަރުގެ މާރިޗު މަހު އިސްރާއީލުން ވަނީ އިތުރު ދަތިކުރުންތަކެއް ކުރިމަތިކުރުވާފައެވެ. މި ގޮތުން، ޟަރޫރީ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ވަސީލަތްތައް އެތެރެކުރުން މަނާކުރުމުގެ ސަބަބުން، ޣައްޒާގެ މީހުންގެ ޙާލަތު ދަނީ ގޯހުން ގޯހަށެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހައިތަނަށް، އިސްރާއީލުގެ އަނިޔާވެރިކަމުގައި 66،200އަށް ވުރެ ގިނަ ފަލަސްޠީނީން ޝަހީދުވެފައިވާ އިރު، މި ޢަދަދުގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދީންނެވެ. ޣައްޒާ ސަރަޙައްދަކީ އިންސާނުން ދިރިހުރުމަށް ނުއެކަށޭނަ ސަރަޙައްދެއް ކަމަށް އ.ދ.އިން ތަކުރާރުކޮށް އިންޛާރުދެމުން އަންނަ އިރު، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ޣައްޒާގައި ހަލުވި ދުވެލީގައި ފެތުރެމުން ދެއެވެ.