ޚަބަރު
މީހަކު ގެއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި ދިވެއްސެއް ހައްޔަަރުކޮށްފި!
ފޭރުމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފާތިމަތު. ފޮޓޯ: ފުލުހުން
އޮޅުވަލާއިގެން މީހަކު ގެއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ފޯޗިއުން، ފާޠިމަތު ޢަލީ (37އ) އެވެ.
ފާޠިމަތު ޢަލީ ހައްޔަރުކޮށްފައިވަނީ 2024 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 22:08 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތަކު މާލެ، ގަލޮޅު ގެއަކަށް އޮޅުވާލައިގެން ގެންގޮސް ވަޅިން ބިރުދައްކައި ފޭރިފައިވާ މައްސަލައާ ގުޅިގެން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
ފާޠިމަތު ޢަލީގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފާޠިމަތު ޢަލީއާއެކު މި ޢަމަލު ހިންގުމުގައި ބައިވެރިވެ، އެހީތެރިވިކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ތަހުޤީޤުގެ ތެރެއިން ދަނީ ކުރަމުން ކަމަށާއި، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.