ޚަބަރު
ތިނަދޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ތިނަދޫ ސިޓީގެ މަގެއް/ފޮޓޯ: ސަން އޮންލައިން
ތިނަދޫ ސިޓީ އާބާދީ ހިނގުމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މަގުހުރަސްކުރި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ދުވެފައި މަގުހުރަސްކުރި ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިމަހުގެ 4 ވަނަ ދުވަހުގެ 18:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި މަގު ހުރަސްކުރި 6 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓްގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށެވެ. އަދި އެކްސިޑެންޓުވުމުން އެމީހާ މަޑުނުކޮށް ގޮސްފައިވާ ކަމަށާއި، ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެކްސިޑެންޓުވި ސައިކަލު ޓޯވކޮށް ، މި މައްސަކަ އިތުރަށް ތަހުޤީގުކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.