ޚަބަރު
ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މި މަހު 10ގައި!

ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަންގެ ޕޯސްޓަރ.

ފަރުދުން
05 އޮކްޓޯބަރު 2025، 02:37
05 އޮކްޓޯބަރު 2025، 02:37
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަން މި މަހުގެ 10 ވަނަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި އާޓް އެގްޒިބިޝަންގެ ނަމަކީ "ލެބިރިންތް"އެވެ.
މި މަހުގެ 10ވަނަ ދުވަހުން 15ވަނަ ދުވަހަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ފަންނުވެރީންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ ލިބުމުގެ ފުރުޞަތު، މި އެގްޒިބިޝަން މެދުވެރިކޮށް ފަހިވެގެން ދާނެއެވެ.
މި ދިޔަ އަހަރު ވެސް ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ. ޖުމްލަ 51 ޒުވާނުން މި ދިޔަ އަހަރުގެ އާޓް އެގްޒެބިޝަންގައި ބައިވެރިވި އިރު، އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރީންނަށް ކެޓެލޮގް ވަނީ ޙަވާލުކޮށްފައެވެ.
ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަޤުޞަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ހާމަކޮށްދިނުން ކަމުގައި އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.