ދުނިޔެ

ޞުލްޙައިގެ އެއްބަސްވުމާ މެދު ޣައްޒާގެ ރައްޔިތުންގެ ތަފާތު ޝުޢޫރުތަކެއް!

ޞުލްޙައިގެ އެއްބަސްވުމާ މެދު ޣައްޒާގެ ރައްޔިތުންގެ ތަފާތު ޝުޢޫރުތަކެއް!

ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ތެރެއިން.

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2025، 03:10

05 އޮކްޓޯބަރު 2025، 03:10

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް އެކުލަވައިލެއްވި ޞުލްޙައިގެ އޮނިގަނޑާ މެދު ޙަމާސްއިން ރުހުން ފައުޅުކުރުމާ ވިދިގެން ޓްރަމްޕް މަރުޙަބާ ވިދާޅުވުމުން، ޣައްޒާގެ ރައްޔިތުންނަށް ޙައިރާންކަން ގެނުވައިފިއެވެ.

އިޖުތިމާޢީ ވިޔުގަތަކުން ފެނިގެން ދަނީ މި ކަމާ މެދު ފަލަސްޠީނީންގެ ހުރި ޝުޢޫރުތަކެވެ. "ހަނގުރާމަ ނިމުނީތަ؟" "މިއީ ހުވަފެނެއްތަ؟" މި ފަދަ ކޮމެންޓުތައް މި ދެ ދުވަހު ފަލަސްޠީނީ އެކައުންޓުތަކުން ސޯޝަލް މީޑީޔާގައި ކުރަމުން ގެންދެއެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމަށް ކެތްތެރިވެގެން ތިބި ޣައްޒާގެ އަހުލުވެރީންގެ ނަޡަރުގައި، ޞުލްޙައިގެ މަޝްވަރާތަކުގެ "ކާމިޔާބުކަން" ވެގެން ދިޔައީ، އެތައް ސުވާލެއް އުފެދެން މެދުވެރިވި ސަބަބަކަށެވެ. ކުރިން ފަހަރު ޞުލްޙައިގެ މަޝްވަރާތައް ފެނަށް ގޮސްފައިވާ އިރު، މި ފަހަރުގެ މަޝްވަރާތަކަށް ދެ ފަރާތުން ވެސް އަވަސް އިޖާބައެއް ދިނުން ވެގެން ދިޔައީ، ފަލަސްޠީނީންގެ ހިތްތަކަށް އައު އުންމީދުތަކެއް ގެނުވި ކަމެއް ކަމަށް ބައެއް ޚަބަރުތަކުގައި ބުނެއެވެ. ނަމަވެސް މި ކަމަށް ފަލަސްޠީނުގެ ހުރިހައި މީހުން އެއްބަހެއް ނުވެއެވެ.

ޓްރަމްޕްގެ ހުށަހެޅުއްވުމުގައި ޝަރުޠުކޮށްފައިވާ ފަދައިން، ޙަމާސްގެ އަތް ދަށުގައި ތިބި އިސްރާއީލީ އަސީރުން މިނިވަންކުރުމަށާއި، ފަލަސްޠީނުގެ އިދާރީ ހިންގުން ފަލަސްޠީނީ ބަޔަކު ހިމެނޭ މުސްތަޤިއްލު ކޮމިޓީއަކާ ޙަވާލުކުރުމަށް ޙަމާސްއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، 20 މާއްދާ ހިމެނޭ ޓްރަމްޕްގެ ޞުލްޙައިގެ އޮނިގަނޑުގައި އެކުލެވޭ ބައެއް ނުކުތާތަކަށް ޙަމާސްއިން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

ޙަމާސްއިން ޓްރަމްޕްގެ ހުށަހެޅުއްވުމަށް ރައްދުދިންތާ މާ ގިނަ އިރެއް ނުވަނީސް، ޓްރަމްޕް ވަނީ ޕޯސްޓެއް މެދުވެރިކޮށް ޙަމާސްއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ފަލަސްޠީނަށް ބޮން އެޅުން ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލައްވައިފައެވެ.

މި ކަމުގައި ފަލަސްޠީނީންގެ މެދުގައި ތަފާތު ޝުޢޫރުތަކެއް ވަނީ ފައުޅުވެފައެވެ. ބައެއް ފަލަސްޠީނީން ޤަބޫލުކުރާ ގޮތުގައި، އިސްރާއީލާއި އެމެރިކާގެ މަޤުޞަދަކީ، އޮޅުވާލައިގެން ޙަމާސް އަތުން އެ މީހުންގެ އަސީރުން އަތުލުމެވެ. އެ އަށް ފަހު، ޢަހުދާ ޚިލާފަށް އަލުން ހަނގުރާމަ ފަށާނެއެވެ. ނަމަވެސް އެހެން ފަލަސްޠީނު ރައްޔިތުން ދެކޭ ގޮތުގައި، މިއީ މިނިވަންކަން ޙާޞިލުކުރުމުގެ މިސްރާބަށް ހުޅުވިގެން ދިޔަ އުންމީދީ ދޮރޯއްޓެކެވެ.

މިއީ ވަރަށް ވެސް އުފާވެރި ޚަބަރެއް. މި ވަޤުތު ދުނިޔޭގައި ތިބި މީހުންގެ ފުރަނާތައް ސަލާމަތް ކުރެވިގެން ދާނެ. މި ވަރުން ފުދޭ. ގެދޮރު ވަނީ ސުންނާފަތި ކޮށްފައި. ހުރިހައި އެއްޗެއް ވަނީ ހަލާކު ކޮށްފައި. ބާކީ އޮތީ ކޮން އެއްޗެއް؟ އެއްވެސް އެއްޗެއް ނެތް.

ޣައްޒާގައި ދިރިއުޅޭ 32 އަހަރުގެ ސަޢޫދު ޤަރާނީޠާ ބުންޏެވެ.

މާތްاللهގެ އިރާދަފުޅާ އެކު، މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ. ހަނގުރާމަތަކުން އަހަރެމެންނަށް ސަލާމަތްވެވޭނެ.

ޣައްޒާގެ ފޭލިގެއެއްގައި ދިރިއުޅޭ 59 އަހަރުގެ ޢަލީ އަޙްމަދު ބުންޏެވެ.

އަހަރެންގެ ނަޞޭޙަތަކީ ކެތްތެރިވުން. މާ އުންމީދީ ވެގެން ނުދާތި. މި ކަމުގެ ތަފްޞީލުތަކާ ބެހޭ ގޮތުން އަދި ބައިވަރު މަޝްވަރާތައް ކުރާނެ. ޝައިޠާނާ ފިލާ އިންނާނީ އެ ތަފްޞީލުތަކުގެ ތެރޭގައި. ލުބުނާނަށް ނިކަން ބަލައިލަބަލަ. އަދިވެސް އެ ޤައުމުގައި ގެދޮރު ނެތިފައި ތިބި މީހުން އެބަ ތިބި. އަދިވެސް އެބަ ބޮން އަޅާ.

ފަލަސްޠީނީ ރައްޔިތެއް ކަމަށްވާ އިބްރާހީމް ފާރިސް ބުންޏެވެ.

ފަލަސްޠީނަށް ނިސްބަތްވާ އެހެން މީހެއް ކަމަށްވާ މަޙްމޫދް ދާހިރް ފޭސްބުކްގައި ބުނީ، ޙަމާސްއިން ދިން ޞަރީޙަ އިޖާބައަކީ ވަރަށް ޢާދަޔާ ޚިލާފު ކަމެއް ކަމަށެވެ.

މި ފަހަރު އާނބަސް ބުނީ އޭގެ ފަހުން ޝަރުޠުތަކެއް ނުކިޔާ. އެކަމަކު ޢާންމުކޮށް ޝަރުޠު ކިޔާ. ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ދަށުން އަސީރުން ދޫކޮށްލުމަށް އާނއެކޭ ބުނި. ހަނގުރާމަ ހުއްޓާލައި ފަސްޖެހެން އާނއެކޭ ބުނި. ފަހަސްޠީނީ އެހެން ބާރަކަށް ވެރިކަން ދޭން އާނއެކޭ ބުނި.

މަޙްމޫދުގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

މި ކަން ވާނެތަ؟ އަހަރެމެންނަށް ޓްރަމްޕަށް އިތުބާރު ކުރެވިދާނެތަ؟ މިޘާލަކަށް ޓްރަމްޕަށް އިތުބާރު ކުރީޔޯ. އެކަމު ނެތަންޔާހޫ ޓްރަމްޕްގެ ގޮވައިލުމަށް އިޖާބަދޭނެތަ؟ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރި ހުރިހައި މަސައްކަތެއް އޭނާ ވަނީ ފޭލިކޮށްފައި. އަހަރެން އުންމީދު ކުރަނީ މި ކަން މި ފަހަރު ނިމޭނެ ކަމަށް.

ދީރް އަލް-ބަލަޙްގައި ޢާއިލާއާ އެކު ފޭލިގެއެއްގައި ދިރިއުޅޭ އާޔާ ބުންޏެވެ.

ފަލަސްޠީނާއި އިސްރާއީލާއި ދެމެދުގައި ހިނގަމުންދާ ހަނގުރާމައަށް ނިމުމެއް އައުމާ މެދު ފަލަސްޠީނީންގެ ޚިޔާލު ތަފާތުވެފައިވާ ކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެނގިއްޖެއެވެ. ކުރުކޮށް ދަންނަވާ ނަމަ، ޢަމަލީ ގޮތުން ތަންފީޛުކުރެވުމަށް ދާންދެން، ހަނގުރާމަައިގެ ޙައްލަކާ މެދު އަނގަބަހުން ދައްކާ އެއްވެސް ވާހަކައަކީ ބުރަދަނެއް ހުރި ވާހަކައެއް ކަމެއް ޔަޤީންކުރާކަށް ނޭނގޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން