ޚަބަރު
ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ހުޅުވާލި "ސިގްނޭޗަރ ސްކޮލަރޝިޕް": ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް!

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ހުޅުވާލި "ސިގްނޭޗަރ ސްކޮލަރޝިޕް"ގެ ޕޯސްޓަރ.

ފަރުދުން
05 އޮކްޓޯބަރު 2025، 03:34
05 އޮކްޓޯބަރު 2025، 03:34
ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށްޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި ދިވެހި ތަރިކައިގެ "ސިގްނޭޗަރ ސްކޮލަރޝިޕް" 40 ސްކޮލަރޝިޕް ފުރުޞަތަށް އެދި ގިނަ ޢަދަދެއްގެ ޒުވާނުން ފޯމު ހުށަހަޅައިފިއެވެ. މި ފުރުޞަތަށް ގިނަ ޢަދަދެއްގެ ޒުވާނުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަކީ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބުނު ހިތްވަރެއް ކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހާމަކުރެއެވެ.
ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެ ގޮތުން، 2024ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރީންނަށް ފުރުޞަތު ދެއްވައިގެން ދިވެހި ތަރިކައިގެ ދިރާސާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ އަދި ފިކުރީ ކުރިއެރުން ގެންނަވަން ހިމަނުއްވާފައެވެ. އަދި ދިވެހި ޤައުމިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި ހުރިހައި މަސައްކަތްތަކެއްގެ ތެރެއިން މިހާރު މި ހުޅުވާލެވުނު 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ދިވެހި ތަރިކައިގެ "ސިގްނޭޗަރ ސްކޮލަރޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ފުރުޞަތުތަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވީ މި ދިޔަ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. މި ސްކޮލަރޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް.)ގައި މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެއް ޙާޞިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕް ފުރުޞަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ. މި ފަދަ ފުރުޞަތެއްގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުން ކަމަށް މަރުކަޒުން ހާމަކުރެއެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން، ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ފަހިވެގެން ދާނެއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ މި އިދާރާ ޤާއިމުކުރެއްވީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ، "ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޡާމު"ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި ތަރިކައާއި ޢާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް، ޢާންމުކޮށް ދިވެހީންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ. މި މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި: ދިވެހީންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހީންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި، ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް ގިނަ ޢަދަދެއްގެ ޒުވާނުން އެދިފައިވާ ކަން އެނގުމުން، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ މި ފުރުޞަތުގައި ބައިވެރިވި ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކޮށް، ދިވެހި ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތުގައި އެކުގައި މަސައްކަތް ކުރުމަށް ދަޢުވަތު އަރުވާފައެވެ.