Ads by Stelco

ޚަބަރު

ބަންގްލަދޭޝްގެ އައު ސަފީރުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ބަންގްލަދޭޝްގެ އައު ސަފީރުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ބަންގްލަދޭޝް ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން. / ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

05 އޮކްޓޯބަރު 2025، 05:07

05 އޮކްޓޯބަރު 2025، 05:07

ބަންގްލަދޭޝްގެ އައު ސަފީރު، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނަޒްމުލް އިސްލާމް، މަޤާމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވާފައެވެ. އެ ގޮތުން، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

ބަންގްލަދޭޝްގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރާ ބައްދަލުކުރައްވާ، މަޝްވަރާތަކެއް ކުރައްވާފައެވެ މިގޮތުން، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. ބަންގްލަދޭޝާއި ދިވެހިރާއްޖޭގެ ގުޅުމަކީ، އެއް ޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތް އެކުވެރިކަމުގެ މައްޗަށް އުފެދިފައިވާ ގުޅުމެއް ކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ބަންގްލަދޭޝް ސަފީރު ވަނީ، ދަނޑުވެރިކަމާއި، އިޤުތިޞާދީ ތަރައްޤީއާއި، މަތީ ތަޢުލީމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ، ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ، 1978ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22ވަނަ ދުވަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން