ޚަބަރު
ދިވެހިބަހުގެ އެކެޑަމީ ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ދިވެހިބަހުގެ އެކެޑަމީ ޢިމާރާތް.

ފަރުދުން
05 އޮކްޓޯބަރު 2025، 05:03
05 އޮކްޓޯބަރު 2025، 05:03
ދިވެހިބަހުގެ އެކެޑަމީ ހިންގަމުން އަންނަ ޢިމާރާތުގެ އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ރަސްމީކޮށް ފަށައިފިއެވެ. ދިވެހިބަހުގެ އެކެޑަމީ ޒަމާނީ ފެންވަރަށް މި އަހަރު ތެރޭ މަރާމާތުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު ވިދާޅުވީ 14 މެއި 2025ގައި ދިވެހި ބަހުގެ އެކެޑަމީއަށް އެ މަނިކުފާނު ކުރެއްވި ޒިޔާރަތުގައި، އެކެޑަމީގެ ބޭފުޅުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކެޑަމީގެ ޢިމާރާތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި، ބައެއް ދިމަދިމާއަށް ވާރޭ ހިޔާނުވުމާއި، ބިތްތަކުން ބައެއް ކަހަލަ ކެމިކަލް ފާއްދަމުން ދިޔުމާއި، އަދި ކަރަންޓު ފުރިހަމައަށް ނުލިބުމާއި، ބައެއް ދިމަދިމާއިން ފަންގިފިލާ ވެއްޓިފައިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރަށް، ކަރަންޓު ޝޯޓުވުމުގެ ސަބަބުން ބައެއް ކަހަލަ ނުތަނަވަސް ޙާލަތްތައް ކުރިމަތިވެފައިވާ ކަމަށް ވެސް މަޢުލޫމާތު ވަނީ ލިބިފައެވެ.
ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 8 އޯގަސްޓު 2011ގައި އުފެއްދެވި މުއައްސަސާއެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން މި މަރުކަޒަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާތީ، އެ މަރުކަޒު ހިންގަމުންދާ ޢިމާރާތް ވަނީ އެ ތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ރައްކައުތެރިކަމަށް ހުރަސް އެޅޭ ޙިސާބަށް ވީރާނާވެފައެވެ. މި ސަބަބުތަކާ ހުރެ، މި ޢިމާރާތަކީ އިންސާނުންނަށް މަސައްކަތްކުރަން އެކަށީގެންނުވާ ވަރުގެ މާޙައުލަކަށް ބަދަލުވެ، އެކެޑަމީގެ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތް ފުރަތަމަ އަހަރު ވެސް އެ މަނިކުފާނު ވަނީ މި ޢިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާ މި މަސައްކަތުގެ ސަބަބުން، ދިވެހިބަހަށް ޚިދުމަތްކުރާ ބޭފުޅުންނަށް ފަސޭހަކަމާއި ސަލާމަތްތެރިކަމާ އެކު މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީއަށް އަލުން އާރޯކަން ގެނެސް، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް އިތުރު ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރެވެއެވެ.
ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދިވެހިބަހުގެ އެކެޑަމީ މަރާމާތުކުރުމުގެ މަސައްކަތް 1 ޑިސެންބަރު 2025އަށް ނިމޭނެއެވެ.