ދުނިޔެ
ބައްޝާރްގެ ވެރިކަން ވައްޓާލުމަށް ފަހު ސޫރިޔާގައި ބޭއްވި ފުރަތަމަ މަޖިލިސް އިންތިޚާބު މިއަދު!

ސޫރިޔާގެ ރައީސް އަޙްމަދް އައްޝަރަޢް.

ފަރުދުން
05 އޮކްޓޯބަރު 2025، 05:28
05 އޮކްޓޯބަރު 2025، 05:28
ސޫރިޔާގެ ކުރީގެ ރައީސް، ބައްޝާރް އަލްއަސަދުގެ ވެރިކަން ވައްޓާލުމަށް ފަހު ސޫރިޔާގައި ބޭއްވި ފުރަތަމަ މަޖިލިސް އިންތިޚާބު މިއަދު ކުރިއަށް ގޮސްފިއެވެ. މި ދިޔަ އަހަރުގެ ޑިސެންބަރު މަހު ބައްޝާރު ވެރިކަމުން ޢަޒުލުކުރުމަށް ފަހު، ރައީސް އަޙްމަދް އައްޝަރަޢް ވެރިކަން ކުރައްވަމުން ގެންދަވަނީ، 13 އަހަރުގެ ދާޚިލީ ހަނގުރާމައެއް ނިމުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ސޫރިޔާގައި ޤާނޫނު ހަދާ މަޖިލިހަށް މެންބަރުން ޢައްޔަންކުރުމަށް އިންތިޚާބެއް ބާއްވާފައިވާ އިރު، މި އިންތިޚާބުގެ ޢަދުލުވެރިކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފައްދައެވެ.
ސޫރިޔާގައި އަދު ބޭއްވި އިންތިޚާބުގައި، ޢާންމު ރަޢިއްޔަތުން ވޯޓު ލައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ސޫރިޔާގެ މީހުން ތަމްޘީލުކޮށް ވޯޓު ލައިފައިވަނީ "އިލެކްޓޮރަލް ކޮލެޖް" ކިޔާ ޚާއްޞަ ޖަމާޢަތަކުންނެވެ. މި ޖަމާޢަތުން ވޯޓު ލީ، މަޖިލިހުގެ 210 ގޮނޑީގެ ތިން ބައި ކުޅަ ދެބައަށެވެ. ބާކީ ތިބި މެންބަރުން ޢައްޔަންކުރައްވާނީ ރައީސް އައްޝަރަޢް އަމިއްލަފުޅަށް ކަމަށް މީޑިޔާތަކުން ބުނެއެވެ.
ސަލާމަތީ ގޮންޖެހުންތަކާ ހުރެ ސޫރިޔާގެ ތިން ސަރަޙައްދެއްގައި އިންތިޚާބު ފަސްކުރެވިފައިވާ އިރު، އެއީ ރައްޤާ، ޙަސަކާ، އަދި ސުވެއިދާ ޕްރޮވިންސްތަކެވެ. މި ސަރަޙައްދުތަކުގައި ހަމަނުޖެހުން އުފެދިފައިވާތީ، އިންތިޚާބު ފަސްކުރުމަށް ވަނީ ނިންމާފައެވެ.
ސޫރިޔާގައި އަދު ކުރިއަށް ދިޔަ މަޖިލިސް އިންތިޚާބުގައި 1،500 ކެނޑިޑޭޓުން ބައިވެރިވެފައިވާ އިރު، ބައްޝާރުގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކާއި، "ހަރުކަށި" ފިކުރުގެ މީހުން އިންތިޚާބަށް ކުރިމަތިލުމަކީ ހުއްދަ ނޫން ކަމެއް ކަމުގައިި ކަނޑައެޅުނެވެ. ސިވިލް ސޮސައެޓީ ގްރޫޕްތަކުން ބުނަނީ، މި އިންތިޚާބީ ނިޡާމުގައި ރައީސް އަޙްމަދް އައްޝަރަޢްއަށް ދީފައިވާ ބާރު މާ ބޮޑު ކަމަށާއި، މި ކަމުގެ ސަބަބުން ސޫރިޔާގެ ޢާންމުން ވޯޓުގައި ޙަޤީޤީ ޞިފައިގައި ތަމްޘީލުނުވާނޭ ކަމަށެވެ. އިންތިޚާބަށް ވޯޓުލީ ޖަމާޢަތުގެ މަދުވެގެން %20 އަކީ އަންހެނުންނަށް ވުމަށް ޝަރުޠުކޮށްފައިވާ އިރު، އިންތިޚާބީ ގޮނޑިތަކުގައި އަންހެނުން ތިބުން ލާޒިމުކުރާ އުޞޫލެއް ކަނޑައަޅާފައެއް ނެތެވެ.
އ.ދ.ގައި ރައީސް އައްޝަރަޢް ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ތަޞައްވުރަކީ، އައު ސޫރިޔާއެއް ބިނާކުރައްވައި، ޢަދުލުވެރިކަން ޤާއިމުކުރެއްވުން ކަމުގައެވެ. އަދި ސޫރިޔާގައި އަނިޔާވެރި ޢުދުވާން ހިންގާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި، އިންޞާފުވެރި އަދަބުތައް ދެއްވުން ކަމުގައެވެ. ނަމަވެސް، މިއަދު ސޫރިޔާގައި ކުރިއަށް ދިޔަ އިންތިޚާބާ ވިދިގެން، ރައީސްގެ މި ވަޢުދުފުޅުތަކާ މެދު ބައެއް ސޫރީން ޝައްކު އުފައްދާން ވަނީ ފަށާފައެވެ. ފާޑުކިޔުންތެރީން ދެކޭ ގޮތުގައި، މިހާރު މި އޮތް ނިޡާމުގެ ދަށުން، ސޫރިޔާގެ ޤާނޫނު ހަދާ މަޖިލިހުގައި އޮންނާނީ ރައީސް އައްޝަރަޢްގެ ނުފޫޛެވެ. ސޫރިޔާގެ ޢާންމު އަހުލުވެރީންގެ ޚިޔާލުތައް މުޢުތަބަރު ނުވާނޭ ކަމަށް ވެސް މި ފަރާތްތަކުން ބުނެއެވެ.