ކޮލަމް
މާބަނޑު ދުވަސްވަރު ކާން އެންމެ ރަނގަޅީ ކޮން މޭވާތަކެއްކަން އެނގޭތަ؟

މާބަނޑުދުވަސް ވަރު ފައިދާހުރި ކާނާކެއުން
މާބަނޑު މީހުންނަކީ ކެއުމުގައި ސަމާލުކަން ދޭންޖެހޭ ބައެކެވެ. އެ ދުވަސްވަރު ކެއިންބުއިމުގެ ކަންކަމުގައި ވަރަށް ބަލަން ޖެހެއެވެ. އެގޮތުން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި، އެމީހަކާއި ބަނޑުގައި އޮންނަ ކުއްޖާއަށް ބޭނުންވާ މުހިންމު ކާނާގެ ބާވަތްތައް ހިމެނެއެވެ. މިގޮތުން މޭވާއަކީ ވިޓަމިންތަކާއި މުހިންމު ކާނާގެ ބާވަތްތައް އެކުލެވޭ، ވަރަށް ފައިދާ ހުރި އެއްޗެކެވެ.
މާބަނޑު މީހުންނަށް އެންމެ ރަނގަޅު މޭވާތައް:
އަނބު: މިއީ ވަރަށް ގިނަ އަދި މުހިންމު ކާނާގެ ބާވަތްތަކާއި، އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިންތައް އެކުލެވޭ މޭވާއެކެވެ. އަދި މީގައި ހުންނަ ފައިބަރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. އަދި މާބަނޑު އަންހެނުންނަށް ހަކަތަ ދެމެހެއްޓުމަށާއި ވަރުބަލިކަން އިހުސާސްނުވުމަށް އެހީތެރިވެދެއެވެ.
އެވަކާޑޯ: މިއީ ވިޓަމިން-ބީއިން މުއްސަނދި މޭވާއެކެވެ. މި ވިޓަމިންތަކުން، މާބަނޑުވުމުގެ ސަބަބުން އުފެދޭ މޭ ނުބައިކުރުން ކުޑަކޮށްދީ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، ހަކަތަ އުފެއްދުމަށް އެހީތެރިވެދެއެވެ. އަދި މީގައި އެކުލެވޭ ފޯލިކް އެސިޑްގެ ސަބަބުން ކުއްޖާއަށް އުފަންވުމުގެ އައިބުތަކުން ރައްކާތެރިކޮށްދެއެވެ.
މޭބިސްކަދުރު: މިއީ ވަރަށް ގިނަ ކާނާގެ ބާވަތްތަކާއި، ފޯލިކް އެސިޑް، އަދި ވިޓަމިން އޭ އެކުލެވޭ މޭވާއެކެވެ. ހެޔޮ މިންވަރަކަށް މި މޭވާ ކެއުމުން މާބަނޑުވުމުގެ ސަބަބުން އުފެދޭ ބަނޑުހަރުވުން ފިލުވައިދީ، ހަށިގަނޑުގެ މެޓަބޮލިޒަމް އާންމު މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ފޮނި ލުނބޯ އަދި ލިނބޯ: މި ދެ ބާވަތުން މާބަނޑުވުމުގެ ސަބަބުން އުފެދޭ މޭ ނުބައިކުރުމާއި ހޮޑުލެވުން ހުއްޓުވައިދެއެވެ. އަދި މި މޭވާތަކުގައި ދަގަނޑުގެ މުހިންމު މާއްދާތައް ހިމެނެއެވެ. އަދި މިއިން ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުން ވިހަތައް ނައްތާލުމަށް އެހީތެރިވެދެއެވެ.
ދޮންކެޔޮ: މި މޭވާއިން ބަނޑުހަރުވުމަށް ފަރުވާކޮށްދީ، ހަށިގަނޑުގެ ހޫނުމިން ދަށްކޮށްދެއެވެ. އަދި މާބަނޑު އަންހެނުންނަށް ދިމާވާ މަސްލްސް ކްރޭމްޕްސް ތަކުން ސަލާމަތްކޮށްދެއެވެ.
ބެރީސް: މިއިން ޕްލެސެންޓާގެ މަސައްކަތް ހަރުދަނާކޮށްދީ، މާބަނޑުކަމުގެ ސަބަބުން އުފެދޭ ވަރުބަލިކަމާއި ވަރުދެރަވުން ފިލުވައިދެއެވެ. އަދި މާބަނޑުކަމުގެ ފުރަތަމަ މަސްތަކުގައި އުފެދޭ އަލާމާތްތަކުން ލުއިކޮށްދީ، ބައިގެންދިޔުމުން ރައްކާތެރިކޮށްދެއެވެ. އަދި ވިހެއުމުގެ ވޭންކުޑަކުރުމަށް އެހީތެރިވެދޭ މޭވާއެއް ވެސް މެއެވެ.
އާފަލު: މި މޭވާއިން އުފަންވާ ކުއްޖާ ނޭވާހިއްލުމުގެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަދި މިއީ އެކި ބާވަތުގެ ވިޓަމިންތައް ގިނައިން އެކުލެވޭ މޭވާއެކެވެ.
އޮރެންޖް: މި މޭވާގައި ވިޓަމިން ސީ ރަނގަޅު މިންވަރަކަށް އެކުލެވޭތީ، ކަށިތައް ވަރުގަދަކޮށް، ބަނޑުގައިވާ ކުއްޖާގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.
ބައެއް ބާވަތުގެ މޭވާ ގިނައިން ކެއުން މާބަނޑު އަންހެނުންނަށް މަނާކުރެވިފައިވެއެވެ. އެއީ އެކަމުގެ ސަބަބުން ބައެއް އުނދަގޫތައް ދިމާވެ، އެއީ އެމީހުންގެ ޙާލަތަށް އެކަށީގެންނުވާ ކަމަކަށްވާތީއެވެ.
ހުރިހާ މޭވާއަކީވެސް މާބަނޑު އަންހެނުންނަށް ވަރަށް ފައިދާހުރި މޭވާތަކެކެވެ. ނަމަވެސް، މި މޭވާތައް ކެއުމުގައި މެދުމިނުގައި ހިފުމަކީ މުހިންމު ކަމެކެވެ. އަދި އެއްވެސް މޭވާއެއް ކެއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތެވެ. ސަބަބަކީ ބައެއް މާބަނޑު އަންހެނުންނަށް ވަކި ބާވަތްތަކެއްގެ މޭވާ ނުގުޅޭ ހާލަތްތައް ދިމާވެދާނެތީއެވެ.
މީގެ އިތުރުން، މާބަނޑު އަންހެނުން ސާފު ބޯފެން ގިނައިން ބުއިމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ ހުރިހާ ކާނާއެއް ލިބޭނެހެން އެކި ބާވަތުގެ ކާނާ ކެއުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން ތަރުކާރީއާއި، ޕްރޮޓީން އެކުލެވޭ ކާނާ، އަދި ފުރިހަމަ ހަކުރުތައް އެކުލެވޭ ކާނާ ހިމެނުމަކީ މުހިންމު ކަމެކެވެ.
މާބަނޑު އަންހެނުން ކާނާ ކެއުމުގައި ސަމާލުވެ، ޞިއްޙީ ގޮތުން ރަނގަޅު އާދަތައް އަށަގެންނެވުމަކީ އެ އަންހެނުންގެ ޞިއްޙަތަށާއި، އެ އަންހެނުންގެ ބަނޑުގައިވާ ކުދިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.