ކުޅިވަރު
އަނިޔާއިން އެނބުރި އައި މާޒިޔާގެ ކީޕަރު ޙުސެއިން ޤައުމީ ޓީމަށް ނަގައިފި

ޙުސެއިން ޤައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި---
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެއްވަނަ ގޯލްކީޕަރު، ޙުސެއިން ޝަރީފްއަށް ލިބުނު އަނިޔާއިން ފަސޭހަވެގެން ކުޅެން ފެށުމާއެކު، އޭނާ ޤައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން، އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ރާއްޖެއިން ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭ މެޗަށް ނަގާފައިވާ ޤައުމީ ސްކޮޑު މިއަދު އިޢުލާންކުރި ސްކޮޑްގައި ކީޕަރު ހުސެއިން ހިމަނާފައިވަނީ، އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ލީގުގައި ކުޅެން ފެށުމުންނެވެ. އެގޮތުން، މާޒިޔާއިން ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓާފައެވެ.
މިދިޔަ މަހު ސްރީލަންކާގައި ކުޅުނު ސްޕަރ ކަޕުގެ ސްކޮޑަށް ޙުސެއިން ނުނެގީ އޭނާގެ އަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމުންނެވެ.
ޙުސެއިންގެ އިތުރުން، ޤައުމީ ސްކޮޑުގައި ދެން ހިމެނޭ ކީޕަރުންނަކީ ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭގެ ގޯލު ބެލެހެއްޓި މުހައްމަދު ފައިސަލް އާއި މުހައްމަދު ޔާމީންއެވެ.
މިއަދު އިޢުލާންކުރި ޤައުމީ ސްކޮޑުން ބާކީކޮށްފައި ވަނީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރ ހަސަން އީނާޒްއެވެ.
އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި ވާދަކުރާ ޓީމު ޕްރެކްޓިސް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ މުބާރާތުގައި ރާއްޖެއިން ތަޖިކިސްތާނާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހު ތަޖިކިސްތާނުގައެވެ. ދެވަނަ މެޗު އޮންނާނީ މިމަހުގެ 14 ގައި ގަލޮޅު ދަނޑުގައެވެ.