ކުޅިވަރު

ސެވިއްޔާއިން ބާސެލޯނާގެ މައްޗަށް ތާރީޙީ ކާމިޔާބެއް ހޯދައިފި

ސެވިއްޔާއިން ބާސެލޯނާގެ މައްޗަށް ތާރީޙީ ކާމިޔާބެއް ހޯދައިފި

މި މެޗުގައި ބާސެލޯނާގެ ގޯލު ކާމިޔާބުކޮށްދިނީ ރަޝްފޯޑު، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޮކްޓޯބަރު 2025، 09:15

06 އޮކްޓޯބަރު 2025، 09:15

ސްޕެނިޝް ލަ ލީގާގައި ރޭ ސެވިއްޔާއިން ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކޮށްފިއެވެ.

ސެވިއްޔާގެ ރެމޮން ސަންޗޭޒް-ޕިޒުއާން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1އިންނެވެ. މި ނަތީޖާއާ ގުޅިގެން ބާސެލޯނާއަށް އަނބުރާ ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާއެކު މިހާރު އޮތީ ރެއާލް މެޑްރިޑެވެ. އެގޮތުން ރެއާލްއަށް 8 މެޗުން 21 ޕޮއިންޓު ލިބިފައިވާއިރު، މި އަދަދަށް މެޗު ކުޅެގެން ބާސެލޯނާއަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ.

ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަކީ، 1951ވަނަ އަހަރު ސެވިއްޔާއިން 4-0އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދިފަހުން، މިހާބޮޑު ތަފާތަކުން އެ ޓީމާ ދެކޮޅަށް ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. 

ރޭގެ މެޗުގައި ސެވިއްޔާއިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 13 ވަނަ މިނެޓުގައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ، 2011އިން 2014އާ ދެމެދު ބާސެލޯނާއަށް 88 މެޗު ކުޅެދީފައިވާ އެލެކްސިސް ސަންޗޭޒްއެވެ. 

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސާކް ރޮމޭރޯގެ ގޯލަކުން ސެވިއްޔާއިން އެ ޓީމުގެ ލީޑު ފުޅާ ކުރިއެވެ. ނަމަވެސް އެ ހާފުގެ އިތުރު ވަގުތުގައި މާކަސް ރަޝްފޯޑުގެ ރީތި ގޯލަކުން ބާސެލޯނާއިން އުއްމީދެއް ހޯދިއެވެ. 

ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ބާސެލޯނާއަށް ލިބުނެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީއެއް، ރޮބަޓް ލެވަންޑޯސްކީ ފޮނުވާލިއިރު، ގޯލަށް އަމާޒުވެ ނުވެ އެ ބޯޅަ ދިޔައީ ވާތްފަރާތު ދަނޑި ކައިރިން ބޭރަށެވެ.

ނަތީޖާއަކަށްވީ، މެޗުގެ 90ވަނަ މިނެޓާއި އިތުރު ވަގުތުގެ 6ވަނަ މިނެޓުގައި ހޯޒޭ އޭންޖެލް ކާމޯނާ އާއި އެކޯރ އެޑަމްސްގެ ގޯލުތަކުން ސެވިއްޔާއިން ބާސެލޯނާގެ މައްޗަށް ތާރީހީ ކާމިޔާބެއް ހޯދުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން