ދުނިޔެ
އިންޑޮނޭޝިޔާގައި ވެއްޓުނު މަދަރުސާ ޢިމާރާތް: މަރުވި މީހުންގެ ޢަދަދު 54އަށް އުފުލިއްޖެ

އިންޑޮނޭޝިޔާގައި މި ދިޔަ ހޯމަ ދުވަހު ވެއްޓުނު މަދަރުސާ ޢިމާރާތް.

ފަރުދުން
06 އޮކްޓޯބަރު 2025، 02:49
06 އޮކްޓޯބަރު 2025، 02:49
އިންޑޮނޭޝިޔާގެ ސިޑޮއަރްޖޯގައި މި ދިޔަ ހަފުތާގައި މަދަރުސާ ޢިމާރާތެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 54އަށް އުފުލިއްޖެ ކަމަށް އެ ޤައުމުގެ އިދާރީ ބޭފުޅުން ހާމަކުރައްވައިފިއެވެ. މިއާ އެކު، ދޮޅަހެއްހައި މީހުން އަދި ވެސް ގެއްލިގެން ހޯދަމުންދާ ކަމަށް، މީޑިޔާތަކުން ރިޕޯޓުކުރެއެވެ.
މި ހިތާމަވެރި ޙާދިޘާގައި ނިޔައުވި ފަރާތްތަކުގެ މައްޗަށް ކަށުނަމާދު ކުރުމަށް، އިންޑޯނޭޝިޔާގެ ޖާވާގެ އިރުމަތީ ސަރަޙައްދުގައި ހުންނަ އަލް-ޚޮޒިނީ އިސްލާމިކް ބޯޑިންގ ސްކޫލް ކައިރިއަށް އެތައް ސަތޭކަ ކިޔަވާ ކުދީން މި ދިޔަ ހޯމަ ދުވަހު އެއްވިއެވެ. އެ މަދަރުސާ ވެއްޓިފައިވަނީ މަރާމާތުކުރުމުގެ ތެރޭގައެވެ.
އިންޑޮނޭޝިޔާގެ ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނީ، މިއީ މި އަހަރު އެ ޤައުމުގައި ކުރިމަތިވި އެންމެ ނުރައްކައުތެރި ޙާދިޘާ ކަމަށެވެ. އެ ޢިމާރާތުގެ ދަށުވެފައިވާ ކަމަށް ބެލެވިފައިވާ 13 ފަރާތެއް ހޯދުމުގެ މަސައްކަތް މިއަދު އިރު އޮއްސުމުގެ ކުރީން ނިމޭނޭ ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ.
މަދަރުސާ ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ތަޙުޤީޤުކުރާ ފަރާތްތަކުން އަދި ވެސް ދަނީ ޙަރަކާތްތެރިވަމުންނެވެ. ބައެއް އޮފިޝަލުން ވިދާޅުވީ، ދެ ފަންގިފިލައަށް ނަގާފައި ހުރި އެ ޢިމާރާތް ވެއްޓުނީ، ބިންގައުގެ ބަލިކަށިކަމުން ކަމަށެވެ.
2025ވަނަ އަހަރު ހިނގި އެންމެހައި ޤުދުރަތީ އަދި ޣައިރު ޤުދުރަތީ ޙާދިޘާތަކުގައި ވެސް، ސިޑޮއަރްޖޯގައި ހިނގައިގެން މި އުޅޭ ޙާދިޘާގައި މަރުވި ވަރަށް މީހުން މަރުވެފައެއް ނުވޭ.
ޑިޒާސްޓަރ މިޓިގޭޝަން އޭޖެންސީގެ ޑެޕިޔުޓީއެއް ކަމުގައިވާ ބުޑީ އިރާވާން ވިދާޅުވިއެވެ.
މި ޙާދިޘާގައި ނިޔައުވެފައިވާ ކަމަށް އަދު ކަށަވަރުވެފައިވާ 54 މީހުންގެ ތެރެއިން 2 މީހުންނަކީ ޢިމާރާތުގެ ދަށުވެފައި ތިއްބައި ސަލާމަތްކުރެވުމަށް ފަހު، ހަސްފަތާލުގައި ފަރުވާދެވެމުން ދަނިކޮށް މި ދުނިޔެއާ ވަކިވެފައިވާ 2 މީހުންނެވެ.
އަލް-ޚޮޒިނީއަކީ އިންޑޮނޭޝިޔާގައި ހިންގާ އިސްލާމީ މަދަރުސާއެކެވެ. އެ ފަދަ ގިނަ މަދަރުސާތަކެއް އެ ޤައުމުގައި ހިންގާ އިރު، އަލް-ޚޮޒިނީގައި ކުރި މަރާމާތުގެ މަޝްރޫޢަކީ ސަރުކާރުގެ ހުއްދަ ލިބިގެން ކުރަން ފެށުނު މަސައްކަތެއް ކަން ކަށަވަރުވެފައިނުވާ ކަމަށް ބައިނަލްއަޤްވާމީ ނޫސް މަޞްދަރުތަކުން ބުނެއެވެ.
މި ދިޔަ ހަފުތާގައި އިންޑޮނޭޝިޔާގެ ކަމާ ބެހޭ އިސް ބޭފުޅުން ވިދާޅުވީ، ޢިމާރާތް ވެއްޓިފައި އޮތް ގޮތުގެ ސަބަބުން، ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
މި ޙާދިޘާގައި ސަލާމަތްވެފައިވާ ކުއްޖެއް ކަމަށްވާ 13 އަހަރުގެ މުޙައްމަދު ރިޖާލުލް ޣައިބް ބުނި ގޮތުގައި، އޭނާއަށް ފުރަތަމަ އިވުނީ ގައުތަކެއް ވެއްޓޭ ފަދަ އަޑެކެވެ. އެ އަޑު ބާރުވަމުން ދިޔުމާ އެކު، އޭނާ އަވަހަށް ދޮރާ ދިމާއަށް ދުއްވައިގަނެ، ޢިމާރާތުން ނުކުތީ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާގެ ފުރާނަ ސަލާމަތްވެފައިވީ ނަމަވެސް، ނުކުތް ގަޑީގައި ޢިމާރާތުގެ ފުރާޅު ވެއްޓުމުގެ ސަބަބުން އޭނާއަށް ޒަޚަމުތަކެއް ވަނީ ލިބިފައެވެ.