ދުނިޔެ
އިންޑިޔާގެ ހޮސްޕިޓަލެއްގެ އައި.ސީ.ޔޫ.ގައި އަލިފާން ރޯވެ، 6 ބަލި މީހަކު މަރުވެއްޖެ

އިންޑިޔާގެ ޖައިޕޫރުގައި ރޭ ހިނގި އަލިފާނުގެ ޙާދިޘާއަށް ފަހު.

ފަރުދުން
06 އޮކްޓޯބަރު 2025، 03:01
06 އޮކްޓޯބަރު 2025، 03:01
އިންޑިޔާގެ ހުޅަނގު ސަރަޙައްދެއް ކަމަށްވާ ރާޖަސްތާން ސްޓޭޓްގެ ޖައިޕޫރުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.)ގައި އަލިފާން ރޯވެ، ޞިއްޙީ ގޮތުން ޙާލު ދެރަ 6 ބަލި މީހަކު މަރުވެއްޖެ ކަމަށް މީޑިޔާތަކުން މިއަދު ރިޕޯޓުކޮށްފިއެވެ.
ކަރަންޓު ޝޯޓެއްގެ ސަބަބުން ކުރިމަތިވި ކަމަށް ބުނާ މި އަލިފާނުގެ ޙާދިޘާ ހިނގާފައިވަނީ ރޭގެ ވަޤުތެއްގައި، ސަވައި މަން ސިންގް ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގައެވެ. އައި.ސީ.ޔޫ.ގައި އަލިފާން ރޯވި އިރު، 11 ބަލި މީހުން އައި.ސީ.ޔޫ.ގައި ތިބި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.
މި ކަމުގައި މަރުވި 6 ބަލި މީހުންގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި 4 ފިރިހެނުންނެވެ. މަރުވި ފަރާތްތަކުގެ ޢާއިލާތަކުން ބުނަނީ، މިއީ ހޮސްޕިޓަލު މުވައްޡަފުންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ކުރިމަތިވި ޙާދިޘާއެއް ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލުގެ ހިންގުންތެރީން ވަނީ މި ތުހުމަތު ނަފީކޮށްފައެވެ.
ޖައިޕޫރް އެ ސްޓޭޓަކަށް ނިސްބަތްވާ ރާޖަސްތާން ސްޓޭޓުގެ ސަރުކާރުން ވަނީ، މި ޙާދިޘާ ތަޙުޤީޤުކުރާނޭ ކަމަށް ހާމަކޮށްފައެވެ.
"ބަލި މީހުންގެ ސަލާމަތާއި ފަރުވާއަށްޓަކައި، އަދި ގެއްލުން ލިބުނު ފަރާތްތަކަށް އަޅައިލުމަށްޓަކައި ކުރެވެން ހުރިހައި ކަމެއް މި ދަނީ ކުރަމުން. މި ޙާލަތު ދަނީ މެދުނުކެނޑި މޮނިޓަރކުރެވެމުން." ރާޖަސްތާންގެ ޗީފް މިނިސްޓަރ ބަޖަންލަލް ޝަރްމާ އިއްޔެ ވިދާޅުވިއެވެ.
ސަވައި މަން ސިންގް ހޮސްޕިޓަލަކީ ރާޖަސްތާނުގައި ހުންނަ އެންމެ ބޮޑު އެއް ސަރުކާރު ހޮސްޕިޓަލު ކަމަށް ވެފައި، އެ ހޮސްޕިޓަލުގައި ރެޔަކާއި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަލި މީހުންނަކަށް ފަރުވާ ދެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ތަފްޞީލުކުރައްވާ ގޮތުގައި، އެންމެ ފުރަތަމަ ހުޅު ހިފައިފައިވަނީ ހޮސްޕިޓަލުގެ ޓްރޯމާ ސެންޓަރުގައެވެ. އެއީ ރޭ ދަންވަރުގެ ވަޤުތެއްގައެވެ. އެއަށް ފަހު، ޢިމާރާތުގެ އެކި ޙިސާބުތަކަށް ހުޅުގަނޑު ފެތުރުނީއެވެ.
އަލިފާން ރޯވި ކޮޓަރިއާ ޖެހިގެން ހުރި ވޯޑަކުން 14 ބަލި މީހުން ނެރެފައިވާ އިރު، އެ ވޯޑުގެ އެތެރެ ދުމުން ތަޣައްޔަރުވެފައިވީ ކަމަށް މަޢުލޫމާތު ލިބެއެވެ. ހޮސްޕިޓަލުގެ ކުޑަދޮރުތައް ތަޅާލައި، ފަޔަރފައިޓަރުން އަލިފާންގަނޑު މައިތިރިކުރުވުމުގައި ދެ ގަޑިއެއްހައި އިރު ވަނީ ހޭދަކޮށްފައެވެ.
"އަހަރެމެންނަށް ދުންތައް ފެނުމުން، ހަމަ ވަޤުތުން މުވައްޡަފުންނަށް އެންގިން. އެކަމު އެމީހުން އަޅައި ވެސް ނުލި. އަލިފާންގަނޑު ބޮޑުވީމައި، އެންމެ ފުރަތަމަ ފިލަން ދުވީ ވެސް އެ މީހުން." ޙާދިޘާގައި މަރުވި މީހެއްގެ ޢާއިލާ މެންބަރަކު ބުންޏެވެ.
މި ޙާދިޘާގައި އޭނާގެ މަންމަ މަރުވި އެހެން މީހަކު ދަޢުވާކުރާ ގޮތުގައި، ހޮސްޕިޓަލުގައި ރައްކައުތެރިކަމުގެ އާލާތްތަކެއް ވެސް ނެތެވެ. އެ ހޮސްޕިޓަލުގައި އަލިފާން ނިއްވިއާއި، ފެން ޖަހާނޭ ހޮޅިއެއް ވެސް ނެތް ކަމަށް އޭނާ ތުހުމަތުކުރިއެވެ. ނަމަވެސް، ހޮސްޕިޓަލުގެ އިސްވެރީން ވަނީ މި ކަންކަން ދޮގުކޮށްފައެވެ.
ރާޖަސްތާނުގައި ހިނގި މި އަލިފާނުގެ ޙާދިޘާއާ ގުޅިގެން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ހޮސްޕިޓަލުތަކުގައި އަލިފާނުގެ ޙާދިޘާތައް ހިނގުމަކީ އިންޑިޔާގައި މަދު ކަމެއް ނޫނެވެ. މި ދިޔަ އަހަރުގެ ނޮވެންބަރު މަހު، ޖަންސީ ސިޓީގައި ހިނގި މި ފަދަ ޙާދިޘާއެއްގައި، އަލަށް ވިހެއި 10 ކުދީން ވަނީ މަރުވެފައެވެ. ހަމަ އެހެންމެ، 2019ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް، ބޮޑެތި 11 އަލިފާނުގެ ޙާދިޘާތައް އިންޑިޔާގެ ހޮސްޕިޓަލުތަކުގައި ހިނގައި، މި ކަމުގައި 107 މީހުން މަރުވެފައިވާ ކަމަށް އިންޑިޔަން އެކްސްޕްރެސް ނޫހުން ކުރި ދިރާސާއަކުން ވަނީ ހާމަވެފައެވެ.