Ads by Stelco

ޚަބަރު

މީޑިއާ ދާއިރާގެ މަސައްކަތްތެރީންނަށް ޚާއްޞަ "ޕީސް ޖަރނަލިސްޓް" ޕްރޮގްރާމް ފަށައިފި

މީޑިއާ ދާއިރާގެ މަސައްކަތްތެރީންނަށް ޚާއްޞަ "ޕީސް ޖަރނަލިސްޓް" ޕްރޮގްރާމް ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (.އެމް.ސީ.ޓީ.ސީ.)

farudhun logo

ފަރުދުން

06 އޮކްޓޯބަރު 2025، 05:01

06 އޮކްޓޯބަރު 2025، 05:01

މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ބާއްވާ (އައި.އެމް.ސީ.ޓީ.ސީ.)އިން "ޕީސް ޖަރނަލިސްޓް" ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ މަސައްކަތްތައް ހަރުދަނާކޮށް، މެދުމިނުގައި ހިފެހެއްޓުމާއި، ކެތްތެރިކަމުގެ ރޫޙު އާލާކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، ދިފާޢީ ވަޒީރުގެ ނާއިބު ފާޠިމަތު މިޒްނާ ޢަލީ ފާހަގަކުރެއްވި ގޮތުގައި، މި ފަދަ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިއަދުގެ ޑިޖިޓަލް ޒަމާނުގައި، މަޢުލޫމާތު ދައުރުވަނީ އަހަރެމެންނަށް ޚިޔާލުކުރެވޭ ވަރަށް ވުރެ މާ ބާރު ސްޕީޑެއްގައި. އެހައި އަވަހަށް. ހިތާމައަކީ، ދޮގު މަޢުލޫމާތާއި، ޕްރޮޕެގެންޑާ އަދި ނަފްރަތުގެ ބަސްތައް ވެސް ހަމަ އެހައިމެ އަވަހަށް ފެތުރެމުންދާކަން. ވަކިވަކި ގްރޫޕްތަކުން ޙަޤީޤަތް އޮޅުވާލުމަށް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާކަން. ވުމާއެކު، މިތަނުގައި ނޫސްވެރީންނަކީ އަހަރެމެންގެ އިސް ދިފާޢީ ބަޔަކަށްވާއިރު، ރަނގަޅު ވަސީލަތްތަކާއެކު، އަހަރެމެންނަށް ނަފްރަތުގެ ބަސްތައް ނައްތާލެވިދާނެ.

ދިފާއީ ވަޒީރުގެ ނާއިބު ފާޠިމަތު މިޒްނާ ޢަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، "ޕީސް ޖަރނަލިސްޓް" އަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ހައްދު ފަހަނައަޅާފައިވާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ދީ، ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުން ޞުލްޙައާއި އެކުވެރިކަމަށް ވަކާލާތުކުރާ ބާރުގަދަ މީޑިއާތަކެއް އުފެއްދިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ.

ހަމަ އެހެންމެ، ޕްރޮގްރާމުގެ ބައިވެރީންނަށް ޒަމާނީ މީޑިއާގެ ވަސީލަތްތަކާއި، ޞުލްޙައަށް ބާރުއަޅާ މީޑިއާގެ މެސެޖުތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް ދިފާޢީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

‎"ޑިޖިޓަލް މީޑިއާގައި ހައްދު ފަހަނައަޅާފައިވާ ވާހަކަތަކާއި ނަފްރަތުގެ ބަސްތައް ދެނެގަތުމާއި، އެ ކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުންތެރި ޓެކްނޮލޮޖީތަކާއި ވަސީލަތްތައް" މި ނަމުގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ، މިމަހުގެ 6 ވަނަ ދުވަހުން (މިއަދުން) ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) އާއި އައި.އެމް.ސީ.ޓީ.ސީ. ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން