ޚަބަރު
2025 އަހަރަށް ހުށައަޅާ ބަޖެޓަކީ ތާރީޚުގައި، އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓު: ރަޢީސް މުޢިއްޒު
އެމްއެންޔޫގެ ދަސްވެނިވުމުގައި ރައީސް ޑރ މުޢިއްޒު ވާހަކަފުޅުދައްކަވަނީ.ފޮޓޯ:ރައީސް އޮފީސް
2025 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅައިފައިވާ ބަޖެޓަކީ، ތާރީޚުގައި އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭނެ ބަޖެޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ މިސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހިކޮށްދެއްވަން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ދިޔަ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި، އެންމެ ފުޅާމިނެއްގައި، ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭ ބަޖެޓު ކަމަށެވެ.
އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ޙަޤީޤަތުގައިވެސް ތަންފީޒު ވެގެންދާއިރު ވާނީ، ބޯހިޔާވަހިކަމުގެ ބަޖެޓަކަށް
ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށެވެ. އަދި ކިޔަވައިގެން ނުކުންނަނީ ވަޒީފާއެއް އަދާކުރަން ކަމަށާއި، ގިނަ މީހުން އުޅެން ޖެހެނީ ދިރިއުޅޭނެ ތަނެއް ނެތިގެން، ޢާއިލާ މީހުން އެއްވެލައިގެން ތަނެއް ކުއްޔަށް ހިފައިގެން ކަމަށެވެ.
އެހެންވީމާ، ގެދޮރުވެރިކަން ހާސިލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، މިއަދު މި ހުށަހެޅޭ ބަޖެޓުން ދެ ކަމެއް ހަމަ ދަންނަވާލަން ބޭނުން. އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ފިޒިކަލް ކޮންސްޓްރަކްޝަން، ހައުސިންގ ޕްރޮޖެކްޓްސްތައް، 1.5 ބިލިއަން ރުފިޔާގެ މަސައްކަތް، މިއަންނަ އަހަރު ހިނގާނެ، ގެދޮރު ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. ހަމަ އެއާއެކީގައި، މި އަންނަ ހަފުތާގައި ފަށާ، އަޅުގަނޑު ހަނދާންވަނީ، މިއަންނަ ހަފުތާގައި، ނޫނީ ވަރަށް އަވަހަށް، ނޮވެންބަރު ކުރީކޮޅުގައި ފެށޭނެ، އަޅުގަނޑު ވަޢުދުވީ ފަސް ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާ ހައުސިންގ ލޯން ސްކީމް
ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެ ލޯން ސްކީމްގެ ތެރެއިން، އަމިއްލަ ގޯތި އޮތް މީހާގެ ގޯތީގައި، ގެ އެޅުމަށާއި، ހަދަން ފަށައި، ނުނިމިފައި ހުރި ގެ ނިންމުމަށާއި، ނިންމާފައި ހުރި ގެއެއް މަރާމާތު ކުރުމަށާއި، ތިން ކަންތަކަށް ލޯނު ދޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި މިލޯނު ދޫކުރާނީ ފަސް ޕަސެންޓް އިންޓްރެސްޓާއި އެކުގައި ކަމަށާއި، އެ ލޯން ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް ރަޢީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަޖެޓުގައި ގެދޮރުވެރިކަމަށް 2.5 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.