ޚަބަރު
ވަކިވަކި އޮފިސަރުންނަށް އަމާޒުކޮށް ހިންގާ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނަން: ފުލުހުން

އެމްޑީޕީއިން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ފޮޓޯ: ސަން
ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭގޮތަށް، ވަކިވަކި އޮފިސަރުންނަށް އަމާޒުކޮށް ހިންގާ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނެކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
އެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 3ވަނަ ދުވަހުގެރޭ، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އިސްނަގައިގެން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގެ މިޝްރާބު ޤާނޫނީ ހަމަތަކުން ބޭރުވާން ފެށުމުން، އެ އެއްވުން ހުއްޓުވުމުގައި ހަރަކާތްތެރިވި ވަކިވަކި ފުލުހުންނާއި އެ ފުލުހުންގެ ޢާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، އެ އޮފިސަރުންނާއި ޢާއިލާތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ފުލުހުން އެ އެއްވުން ހުއްޓުވަން މަސައްކަތްކުރީ، އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފުލުހުންނާއި ކުރިމަތިލައި، ޤާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގަން ފެށުމުންކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، ޤާނޫނު ތަންފީޒުކުރާ އޮފިސަރެއްގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް، އެ އޮފިސަރަކާ މެދު ނަފްރަތު އުފައްދައި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް ހިންގައިފިނަމަ، އެ ފަދަ ފަރާތަކާމެދު ފުލުހުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ ޢާއިލާއަށް ނަފްރަތު އުފެދޭ ގޮތަށާއި، އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް ޢަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެ ފަދަ ފަރާތަކާމެދު މި ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ހިންގާ ޙުއްދަ ނޫން ކަންކަން ހުއްޓުވުމަށް އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ ޢަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ ޢަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، އެއީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީއިން ބުނަމުން އަންނަނީ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި މުޒާހަރާގައި ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރީ، އެފަދަ އާލާތެއް ބޭނުންކުރަން ޖެހޭ ވަރުގެ ހާލަތެއް ނެތި ކަމަށެވެ. އަދި އެއީ ޖިސްމާނީ ސިއްޙަތަށް ގެއްލުންހުރި އާލާތެއްކަމަށް ފާހަގަކޮށް އެ ޕާޓީއިން އަންނަނީ އެކަމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ.