ދުނިޔެ
ޣައްއްޒާގެ ހަނގުރާމައަށް ދެ އަހަރު:މަރުވިމީހުންގެ އަދަދު 67،000 އަށް ގެއްލުނު މީހުން މިލިއަނަކަށް

ޣައްޒާގެ ރައްޔިތެއް
ޣައްޒާގައި އިޒްރޭލުން ފަށާފައިވާ ނުރައްކާތެރި ހަނގުރާމަ ފެށުނުތާ މިހާރު ވަނީ ދެ އަހަރު ފުރިފައެވެ. ނަމަވެސް، މި ހަނގުރާމައިގެ ލޭއޮހޮރުވުން އަދިވެސް ހުއްޓިފައެއް ނުވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގައި ދެ އަހަރު ތެރޭގައި އެތައްހާސް ފުރާނަ ގެއްލި، އެތައްލައްކަ މީހުންނަށް އަނިޔާވެ، ޣައްޒާގެ ގިނަ ސަރަހައްދުތައް ވަނީ ވީރާނާވެފައެވެ.
ހޯމަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު 24 ފަލަސްތީނު ރައްޔިތުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިއާއެކު ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. މުޅި ހިސާބު ވަނީ ހަނަފަސް ވެފައެވެ. އަދި އެހީދޭ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މިހާރު އެތާނގެ ދިރިއުޅުމުގެ ހާލަތަކީ މި ޒަމާނުގައި އެންމެ ދަށު ފެންވަރުގެ ހާލަތުތަކުގެ ތެރެއިން ހާލަތެކެވެ.
މި ހަނގުރާމަ ފެށުނީ ހަމާސްގެ ހަނގުރާމަވެރިން "އަލް-އަޤްޞާ ފްލަޑް" ގެ ނަމުގައި އިސްރާއީލުގެ ބޯޑަރު ރަށްތަކަށް ވަދެ، 251 މީހުން ހައްޔަރުކުރުމާ ގުޅިގެން އިޒްރޭލުން ދިން ބޮޑު ހަމަލާއާ އެކުގައެވެ. މީގެ ފަހުން އައި މަސްތަކުގައި އިޒްރޭލުން ވަނީ 360،000 އަށް ވުރެ ގިނަ ރިޒާވިސްޓުން ބޭނުންކޮށް، ޣައްޒާއަށް ކާނނާއާއި، ތެލާއި، ބޭސް ފަދަ ތަކެތި ވަނުން މުޅިން ހުއްޓުވާލާފައެވެ.
ފަލަސްތީނު އޮފިޝަލުން ބުނާ ގޮތުގައި މި ހަނގުރާމަ ފެށުނީއްސުރެ 67،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 170،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އދ އާއި އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ވަނީ "މިހާތަނަށް ދުށް އެންމެ ބޮޑު ލޭއޮހޮރުވުން" ކަމަށް ބުނެ، ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑަށްޖެހި، ބަލިމަޑުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ ކަމަށް ތަކުރާރުކޮށް އިންޒާރު ދީފައެވެ.
މުޅި ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި،، އަދި މުހިންމު އެހެނިހެން ވަސީލަތްތައް ވަނީ ތަކުރާރުކޮށް ދެވުނު ވައިގެ ހަމަލާތަކުގައި ހަލާކުވެފައެވެ. ސެޓެލައިޓް މަންޒަރުތަކާއި މިނިވަން ފަރާތްތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ހިސާބުތަކެއް ވަނީ "ބިރުވެރި ތަނަކަށް" ވެފައެވެ.
އާއިލާތަކަށް މަޖުބޫރުވެފައި ވަނީ ވަގުތީ ޓެންޓުތަކުގައި ނުވަތަ ވީރާނާވެފައިވާ ތަންތަނުގައި ދިރިއުޅެމުން ގެންދިއުމަށެވެ.
އިންސާނީ އެހީދޭ ޖަމާޢަތްތަކުން އިޒްރޭލަށް ގޮވާލަމުން ދަނީ ބްލޮކޭޑް ނައްތާލައި، ހުރަހެއްނެތި އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް، އިޒްރޭލުގެ އޮފިޝަލުން ބުނަމުން ދަނީ ހަމާސްގެ ހަނގުރާމަވެރި ޤާބިލިއްޔަތު "މުޅިން ނައްތާލެވެންދެން" އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ޑިޕްލޮމަސީއަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މިސްރާއި ޤަޠަރުން ވަނީ ތަކުރާރުކޮށް ހަނގުރާމަ ހުއްޓުވުމަށް މެދުވެރިވެފައެވެ. އަދި އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއަށްވެސް ވަނީ އެ ޤައުމުގެ ބައިވެރިޔާ ހިފެހެއްޓުމަށް ނުކުޅެދުނު ކަމަށް ބުނެ ގިނަގުނަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާއިން ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައި ވީނަމަވެސް، ފާއިތުވި ހަފްތާތަކުގައި އިޒްރޭލުގެ ބައްރީ އޮޕަރޭޝަންތައް ވަނީ ޣައްޒާގެ ދެކުނަށް އިތުރަށް ފުޅާވެފައެވެ.
މި ހަނގުރާމަ މިހާރު ވަނީ ތިންވަނަ އަހަރަކަށް ވަދެފައިކަމަށް ބުނެ، އަދިވެސް މަޑުޖެހުމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެނަލިސްޓުން އިންޒާރުދެމުން ދަނީ ދިގުލައިގެން ދިޔަ ހަނގުރާމައަކީ 21 ވަނަ ޤަރުނުގެ އެންމެ ބޮޑެތި އިންސާނީ ކާރިސާތަކުގެ ތެރެއިން އެއް ކާރިސާ ކަމަށެވެ. މިލިއަނަކަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ނިކަމެތިވެފައެވެ. އަދި ޣައްޒާ ވަނީ ވީރާނާވެފައެވެ.
ބޮންއެޅުން ކުރިއަށްދާއިރު، އެތަނުގެ ރައްޔިތުން ބުނާ ގޮތުގައި ދިރިހުރުމަކީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ވަރަށް އުނދަގޫ މަސައްކަތަކަށް ވެފައިވެއެވެ. ކަރަންޓު ނެތި، ކާބޯތަކެތި މަދުވެ، މި ހަލާކުވުމުގެ ތެރޭގައި ކުރިމަގު އޮތީ ވަރަށް ބޮޑު ނާއުއްމީދެއްގެ ތެރޭގައެވެ.