ޚަބަރު
މުޒާހަރާއިން ހައްޔަރުކުރި މީހުން ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި

ބަންދުގައި ތިބެގެން ހަޅުތާލުކުރަމުންދާ ފަރާތްތައް---
މި މަހުގެ 3ވަނަ ދުވަހު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި 6 މީހަކު ކުރަމުން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފިއެވެ.
މި ހަޅުތާލާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މުއައްސަސާގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެ މީހުން މޮނިޓާރ ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ މައުލޫމާތު އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް އެ ބަޔާނަށްފަހު ވަގުތުކޮޅެއް ފަހުން ފުލުހުން ޚިއްޞާކޮށްފައިވާގޮތުން، އެމީހުން މިހާރު ވަނީ ކާން ފަށާފައެވެ.
މި ހަ މީހުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން ހަޅުތާލުކުރީ، ބޭސް ފަރުވާ ނުލިބި، ތަޙުޤީޤު ދިގުލައިގެންދާކަމަށް ބުނެއެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި މީހުން:
- ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
- ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
- އަޒީމް އަލީ
- އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
- ޙަސަން ޝާކިރު
އެ މައްސަލައާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބުނެފައިވަނީ، ދޫނިދޫގައި ތިބި މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި މީހުން ހިއްސާކޮށްފައިވާ ކަންކަމާ ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ހާމަކޮށްފައިވެއެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް އަދި ޚިއްޞާކޮށްފައެއް ނުވެއެވެ.
އެމްޑީޕީއިން ބޭއްވި މުޒާހަރާ ފުލުހުން ހުއްޓުވީ އެ ހިނގާލުން ބާއްވަން ހުއްދަ ދިން މަގު ނޫން އެހެން މަގަކުން ދިޔުމަށް މަސައްކަތްކުރުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހިނގާލުން ހުއްޓުވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް ޕެޕާ ސްޕްރޭ އާއި ތޫނު އަޑެއް ފޮނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކޮށްފައި ވެއެވެ.
ފުލުހުން ބުނަމުން އަންނަނީ، އެއްވުން ރޫޅާލީ ޤާނޫނާއި ޤަވައިދުތަކުގެ ހަމަތަކާއި، އެއްވުމުގެ ބައިވެރިން ޚިލާފުވުމުންނެވެ.