ދުނިޔެ

ޓްރަންޕްގެ ސުލްޙައިގެ ޕްލޭނަށް ޙަމާސްގެ 6 ޝަރުޠު!

ޓްރަންޕްގެ ސުލްޙައިގެ ޕްލޭނަށް ޙަމާސްގެ 6 ޝަރުޠު!

ހަމާސް ޖަމާއަތުގެ މީހެއް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ : އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 10:27

08 އޮކްޓޯބަރު 2025، 10:27

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިސްރާއީލާއި ފަލަސްޠީނާ ދެމެދު ސުލްޙަ ގާއިމުކުރުމަށް ހުށަހެޅި 20 ނުކުތާގެ ޕްލޭނަށް ރައްދު ދިނުމުގެ ގޮތުން، ފަލަސްޠީނުގެ ދިފާޢީ ޖަމާޢަތް ޙަމާސްއިން މުހިންމު ހަ ޝަރުޠެއް ހުށަހަޅައިފިއެވެ. ޙަމާސްގެ ތަރުޖަމާން ފަވްޒީ ބަރްހޫމް ނެރުއްވި ބަޔާނެއްގައި މި ޝަރުޠުތަކުގެ ތަފްސީލު ހާމަކުރައްވާފައިވެއެވެ. ޙަމާސްގެ މި ޝަރުޠުތަކާ އެކު އިސްރާއީލާއި ޙަމާސްއާ ދެމެދު ސީދާނޫން މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ.

ޙަމާސްގެ ފުރަތަމަ ޝަރުޠަކީ ޣައްޒާގައި ދާއިމީކޮށް އަދި ފުރިހަމައަށް ހަނގުރާމަ ހުއްޓާލުމެވެ. ދެވަނަ ޝަރުޠުގައި ވަނީ ޣައްޒާއިން އިސްރާއީލުގެ ސިފައިން އެއްކޮށް ބޭލުމަށް އެދިފައެވެ. އިންސާނީ އެހީއާއި، އެހެނިހެން އެހީތައް ޣައްޒާއަށް ހުރަހެއްނެތި ވެއްދުމަށް ޙަމާސްގެ ތިންވަނަ ޝަރުޠުގައި ގޮވާލާފައި ވެއެވެ.

ހަތަރުވަނަ ޝަރުޠަކީ ޣައްޒާގައި ހިޖުރަކުރަން މަޖުބޫރުވި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ގޯތިގެދޮރަށް ރައްކާތެރިކަމާއެކު އެނބުރި ދިއުމުގެ ހައްގު ލިބިދިނުމެވެ. ޙަމާސްގެ ފަސްވަނަ ޝަރުޠަކީ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ތަޖުރިބާކާރުންގެ ލަފާއޮތުމެވެ. އަދި ހަވަނަ ޝަރުޠަކީ ހައްޔަރުގައި ތިބި މީހުން ބަދަލުކުރުން އިންސާފުވެރިކަމާއެކު ހިންގުމެވެ.

ޙަމާސްގެ ތަރުޖަމާން ފަވްޒީ ބަރްހޫމް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއަޅައި، އެ މަޝްވަރާތައް ފެއިލްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މިކަންކަން ހިނގަމުންދާއިރު، މިދިޔަ މަހުގެ ފަހުކޮޅު، ވައިޓް ހައުސްގައި ނަތަންޔާހޫއާއެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވަނީ ޣައްޒާގައި ދާއިމީ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް 20 ނުކުތާގެ ސުލްޙައިގެ ޕްލޭނެއް އިއުލާންކުރައްވާފައެވެ. ޓްރަންޕް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު އެމަނިކުފާނުގެ ސުލްޙައިގެ ހުށަހެޅުން ގަބޫލުކުރައްވާފައިވާ ކަމަށާއި، މިއީ މެދުއިރުމަތީގެ ސުލްޙައަށްޓަކައި ތާރީޚީ ދުވަހެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސުލްޙައިގެ އެއްބަސްވުމަށް ސަރަހައްދީ ގައުމުތަކުގެ ފުރިހަމަ ތާއީދު ލިބިފައިވާ ކަމަށެވެ. ޓްރަންޕް ވަނީ، ޙަމާސްއިން މި ޕްލޭން ގަބޫލުކޮށްފިނަމަ، ރަހީނުކޮށްފައި ތިބި މީހުން ވަގުތުން ދޫކޮށްލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން