Ads by Stelco

ޚަބަރު

ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް: 20 ޤައުމަކަށް މުދާ ފޯރުކޮށް، މިލިއަން ޑޮލަރުގެ އާމްދަނީ!

ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް: 20 ޤައުމަކަށް މުދާ ފޯރުކޮށް، މިލިއަން ޑޮލަރުގެ އާމްދަނީ!

އެމްޕީއެލްގެ ޕޯރޓް ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 11:54

08 އޮކްޓޯބަރު 2025، 11:54

ދިވެހިރާއްޖެއިން ދުނިޔޭގެ 20 ޤައުމަކަށް މިދިޔަ މަހު މުދާ ފޮނުވާފައިވަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ. މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދެމުން އަންނަ ޚިދުމަތެއް ކަމަށްވެސް އެމްޕީއެލްއިން ފާހަގަކުރައްވައެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ކަނޑުމަގުން ރާއްޖެއަށް އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމުގެ ޚިދުމަތެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ކުރަމުން އަންނަ އަދި އެ ޤައުމުތަކުގެ އިޤްތިސާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

މި ޚިދުމަތް ރާއްޖޭގައި ތަޢާރަފްކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޕީއެލް ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މި ޚިދުމަތާ އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ. ނަމަވެސް، މިހާރު މި ޚިދުމަތާ ގުޅިފައިވާ އެއަރލައިންތަކުގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އެކަނިވެސް 9 އެއަރލައިންނަކުން ވަނީ މި ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން މުދާ ބޭރުކޮށްފައެވެ.

މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން ޖުމްލަ 433 ޓަނުގެ މުދާ ބޭރުކޮށްފައިވެއެވެ. މިއީ ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ، 111 ޓީއީޔޫސް (ޓްވެންޓީ ފީޓް އިކުއިވެލެންޓް ޔުނިޓްސް) އެވެ. މި ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިއަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ހާމަކުރައްވައެވެ.

ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވެ، އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން