Ads by Stelco

ޚަބަރު

"އިސްރަށްވެހީންގެ ނާދީއަށް ދިޔުމުން ލިބެނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް"

"އިސްރަށްވެހީންގެ ނާދީއަށް ދިޔުމުން ލިބެނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް"

ޚަދީޖާ އަބޫބަކުރު.

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 03:15

08 އޮކްޓޯބަރު 2025، 03:15

އިސްރަށްވެހިންގެ ނާދީގެ މެންބަރެއް ކަމުގައިވާ ޚަދީޖާ އަބޫބަކުރު ކިޔައިދިން ގޮތުގައި، އޭނާ އެންމެ ފުރަތަމަ ނާދީއާ ގުޅުނީ ޢާއިލާގެ ކުއްޖެއްގެ ފަރާތުން ނާދީގެ ޚަބަރު ލިބިގެންނެވެ.

ފުރަތަމަ ފަހަރަށް ނާދީއަށް އަންނާން ފެށި އިރު މާ ގިނަ ރައްޓެހީން ނެތް ނަމަވެސް، ނާދީއަށް ގިނައިން އަންނާން ފެށުމާއެކު، ނާދީގެ މެންބަރުންނާއެކު އުފެދިގެން ދިޔައީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ފަދަ ބަދަހި ގުޅުމެއް ކަމަށް ޚަދީޖާ ކިޔައިދިނެވެ. އަދި މިހާރު، ނާދީގެ ހުރިހައި މެންބަރުންނަކީ ވެސް ވަރަށް ގާތް ރަޙްމަތްތެރީން ކަން އޭނާ ފާހަގަކުރިއެވެ.

ޚަދީޖާ އިތުރަށް ބުނީ، ނާދީންވަރަށް ގިނަ އައު ކަންކަން އޭނާއަށް ދަސްވެފައިވާ ކަމަށެވެ. މި ގޮތުން، ކަސްރަތުކުރުމާއި، ބަންޖާއި ރައިވަރު ކިޔުމާއި، ޤުރުއާން ކިޔެވުމުގެ އިތުރުން، ވޫލް ބޭނުންކޮށްގެން ތަފާތު އެއްޗެހި ބިޔަން ދަސްކުރުމާއި، ދިވެހީންގެ ޘަޤާފަތާ ގުޅިފައިވާ އަތްތެރިކަމުގެ މަސައްކަތްތައް ދަސްކުރުމުގެ ފުރުޞަތު ވެސް ނާދީގެ ސަބަބުން ފަހިވެގެން ދިޔަ ކަމުގައި ޚަދީޖާ ބުންޏެވެ. މި ފަދަ ހުނަރުތައް ދަސްކުރާން ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެ ވެސް ޚަދީޖާ ޞިފަކުރެއެވެ.

ގޭގައި ހުސް ވަގުތު ތިބުމުގެ ބަދަލުގައި ނާދީއާ ގުޅިގެން ޙަރަކާތްތެރިވުމަށް ޢުމުރުން ދުވަސްވީ އެންމެހައި ފަރާތްތަކަށް ޚަދީޖާ ގޮވައިލައެވެ. ޚަދީޖާ ބުނި ގޮތުގައި، ނާދީއަށް އައިސް މީހުންނާ ބައްދަލުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފާވެރިކަން ލިބެއެވެ. ޚާއްޞަކޮށް، ހުރިހައި ރަޙްމަތްތެރީން އެއްތަންވެފައި ތިއްބައި ފެނުނީމާ، ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމަށް ޚަދީޖާ އުފަލާއެކު ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން