ސައިންސް / ދުނިޔެ

ކެންސަރަށް ފަރުވާދިނުމުގައި އަލްޓްރާސައުންޑްގެ އާ އިންގިލާބެއް: އޮޕަރޭޝަނެއް ނުކޮށް ބަލިމީހުން ރަނގަޅުކުރަނީ!

ކެންސަރަށް ފަރުވާދިނުމުގައި އަލްޓްރާސައުންޑްގެ އާ އިންގިލާބެއް: އޮޕަރޭޝަނެއް ނުކޮށް ބަލިމީހުން ރަނގަޅުކުރަނީ!

ހިސްޓޯޓްރިޕްސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 03:15

08 އޮކްޓޯބަރު 2025، 03:15

ދިގު މުއްދަތަކަށް އަލްޓްރާސައުންޑް ބޭނުންކުރަމުން އައިސްފައިވަނީ ހަށިގަނޑުގެ އެތެރޭގެ ބައިތައް ބެލުމަށް ޑޮކްޓަރުންނަށް އެހީތެރިވުމަށެވެ. ނަމަވެސް މިހާރު، ފޯކަސްކޮށްފައިވާ ހައި-ފްރީކުއެންސީ ސައުންޑް ވޭވްސްގެ ސަބަބުން ކެންސަރަށް އަމާޒުކޮށް ފަރުވާ ދިނުމުގެ އާ ގޮތްތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން، ޑރ. ޒެން ޒޫގެ ހިސްޓޯޓްރިޕްސީގެ ހޯދުމަކީ، އޮޕަރޭޝަނެއް ނުކޮށް ފުރަމޭގެ ކެންސަރަށް ފަރުވާ ދިނުމުގެ އުންމީދީ އާ ދޮރެއް ހުޅުވައިދީފައިވާ ކަމެކެވެ.

އެމެރިކާގެ މިޝިގަން ޔުނިވަރސިޓީގައި 2000 ގެ ކުރީކޮޅުގައި ބަޔޯމެޑިކަލް އިންޖިނިއަރިންގެ ދާއިރާއިން ޕީ.އެޗް.ޑީ ދަރިވަރެއްގެ ގޮތުގައި ޒޫ މަސައްކަތްކުރައްވަމުން ގެންދެވިއިރު، އޭނާ ބޭނުންވީ އޮޕަރޭޝަނެއް ނުކޮށް ބަލިވެފައިވާ ގުނަވަންތައް ނައްތާލައި ބޭރުކުރާނެ ގޮތެއް ހޯދުމަށެވެ. އަލްޓްރާސައުންޑް ބޭނުންކޮށްގެން ސެލްތައް ނެތިކޮށްލެވޭކަމަށް ކަމަށް އޭނާ ހީކޮސް، އޫރުގެ ހިތް ބޭނުންކޮށްގެން ތަހުލީލުތައް ކުރަމުން ގެންދިޔައެވެ.
އާދައިގެ ގޮތެއްގައި އަލްޓްރާސައުންޑްގެ އަޑު އިންސާނުންނަށް ނީވޭނެއެވެ. ނަމަވެސް ޒޫ އޭނާގެ ތަހުލީލުތަކުގައި ބާރުގަދަ އެމްޕްލިފައިއަރެއް ބޭނުންކުރުމުގެ ސަބަބުން، އޭނާއާއެކު ލެބޯޓަރީ ބޭނުންކުރާ އެހެން ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

އެހެންކަމުން، އެހެން ދަރިވަރުންނަށް އުނދަގޫ ނުވާނެ ގޮތެއް ހެދުމަށްޓަކައި، އޭނާ އަލްޓްރާސައުންޑް ޕަލްސްތަކުގެ ރޭޓް އިތުރުކުރުމަށް ނިންމިއެވެ. މިއީ އިންސާނުންގެ ކަންފަތަށް ނީވޭނެ މިންވަރަކަށް އަޑު ބަދަލުކުރުމަށްޓަކައެވެ.

ޒޫ އަށް ލިބުނު ސިހުމަކީ، ޕަލްސްގެ އަދަދު އިތުރުކުރުމުން އެހެން މީހުންނަށް އުނދަގޫ ނުވުމުގެ އިތުރުން، އޭނާ ކުރިން ބޭނުންކުރި ގޮތަށްވުރެ ދިރޭ ސެލްތަކަށް މާބޮޑަށް އަސަރުކުރި ކަމެވެ. އަލްޓްރާސައުންޑް ބޭނުންކުރިތާ އެއް މިނިޓްގެ ތެރޭގައި އޫރުގެ ހިތުގެ ސެލްތަކުގައި ލޯވަޅެއް އުފެދިފައިވާކަން ޒޫ ފާހަގަކުރެއްވިއެވެ. "އަހަރެން ހީކުރީ އަހަރެންނަށް ހުވަފެނެއް ފެނުނީ ކަމަށް،" މިޝިގަން ޔުނިވަރސިޓީގެ ބަޔޯމެޑިކަލް އިންޖިނިއަރިންގެ ޕްރޮފެސަރެއްގެ ގޮތުގައި މިހާރު ހުންނެވި ޒޫ ކިޔައިދިނެވެ.

ދިހަވަރަކަށް އަހަރު ފަހުން، ޒޫގެ މި ހޯދުން، "ހިސްޓޯޓްރިޕްސީ" ގެ ނަމުން މަޝްހޫރުވެ، އަލްޓްރާސައުންޑް ބޭނުންކޮށްގެން ކެންސަރަށް ފަރުވާ ދިނުމުގެ އާ ގޮތްތަކެއް ފަށައިފިއެވެ. މިއީ އޮޕަރޭޝަނެއް ނުކޮށް، ސައުންޑް ބޭނުންކޮށްގެން ކެންސަރުގެ ޓިއުމަރުތައް ނައްތާލުމުގެ ގޮތެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ފުރަމޭގެ ޓިއުމަރުތަކަށް ފަރުވާ ދިނުމަށް ހިސްޓޯޓްރިޕްސީ އަށް ހުއްދަ ދީފައެވެ. އޭގެ ފަހުން، ޒޫގެ ޓެކްނޮލޮޖީ ވިޔަފާރިކުރުމަށް އުފެއްދި ކުންފުނި، ހިސްޓޯސޮނިކްސް އިން ފަންޑުކުރި ކުޑަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، މި ފަރުވާއިން ފުރަމޭގެ ޓިއުމަރުތަކުގެ %95 އަށް ޓެކްނިކަލް ގޮތުން ކާމިޔާބީ ހާސިލްކުރެވިފައިވެއެވެ. ބަނޑުގައި ރިހުން ނުވަތަ އެތެރެއިން ލޭއައުން ފަދަ ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެ ކަމަށް ބެލެވޭނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މައްސަލަތައް މަދުވެ އަދި އާންމުކޮށް މިގޮތް ރައްކާތެރިއެވެ.

މިދިޔަ ޖޫން މަހު އިނގިރޭސިވިލާތަކީ ހިސްޓޯޓްރިޕްސީ އަށް ހުއްދަ ދިން ފުރަތަމަ ޔޫރަޕިއަން ގައުމެވެ. މި ފަރުވާ އެން.އެޗް.އެސް (ނެޝަނަލް ހެލްތް ސަރވިސް) ގެ އިންނޮވޭޓިވް ޑިވައިސަސް އެކްސެސް ޕާތުވޭގެ ދަށުން، ކްލިނިކަލް ބޭނުންތައް ފުއްދުމަށްޓަކައި ޕައިލެޓް ފޭސްގެ ދަށުން ވަނީ ލިބޭނެ ގޮތް ހަދާފައެވެ.

"މީހުން އަލްޓްރާސައުންޑް އާއި ދޭތެރޭގައި ވިސްނަނީ އީމޭޖިންގ އަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި،" ސްޕެއިންގެ ރާމޯން ވައި ކަޖަލް އިންސްޓިޓިއުޓް ފޯ ހެލްތް ރިސަރޗްގެ ބަޔޯމާކަރސް އެންޑް ޕާސަނަލައިޒްޑް އެޕްރޯޗް ޓު ކެންސަރު ގްރޫޕްގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރ ޖޫލީ އާލް ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވާ ގޮތުގައި، މިހާރު ކުރިއަށްދާ ގިނަ ދިރާސާތަކުން ދައްކަނީ، އަލްޓްރާސައުންޑް ބޭނުންކޮށްގެން ޓިއުމަރުތައް ނައްތާލުމާއި، ކެންސަރު ފެތުރުން ހުއްޓުވުމާއި، އަދި ކެންސަރަށް ދޭ އެހެން ފަރުވާތަކުގެ އެހީތެރިކަން އިތުރުކުރެވިދާނެ ކަމެވެ. މިއިން އެއްވެސް ފަރުވާއެއްގައި އޮޕަރޭޝަން ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ.

އަލްޓްރާސައުންޑް މަސައްކަތްކުރަނީ ކިހިނެއް؟ގިނަ ބަޔަކަށް "އަލްޓްރާސައުންޑް" މި ބަސް އިވުމުން އެންމެ ފުރަތަމަ ހަނދާންވަނީ ބަލިވެއިނުމުގެ ދުވަސްވަރު ކުރާ ސޮނޮގްރާމްއެވެ. ސޮނޮގްރާމް ފަދަ މެޑިކަލް އިމޭޖެއް އުފެއްދުމަށް، އަތުން ހިފާ ޓްރާންސްޑިއުސަރަކުން ހައި-ފްރީކުއެންސީ ސައުންޑް ވޭވްސް ހަށިގަނޑުގެ އެތެރެއަށް ފޮނުވާލައެވެ. މި ވޭވްސްތައް އެތެރޭގެ ސެލްތަކުގައި ޖެހި، އަނބުރާ އަންނަ ވޭވްސްތައް ޑިވައިސްގައިވާ ސެންސަރަކުން ނަގައެވެ. ދެން މި ވޭވްސްތައް އިލެކްޓްރިކަލް ސިގްނަލްތަކަށް ބަދަލުކޮށް، ހަށިގަނޑުގެ އެތެރޭގައި ހިނގާ ކަންކަމުގެ ފޮޓޯއެއް އުފައްދައެވެ.

ކެންސަރަށް ފަރުވާ ދިނުމުގައި އަލްޓްރާސައުންޑް ވޭވްސް ކެންސަރު ޓިއުމަރެއްގެ ކުޑަ ބަޔަކަށް ފޯކަސްކޮށް، އެތަން ނައްތާލުމަށް ބޭނުންކުރެއެވެ. މި ޕަލްސްތަކުން ކުދިކުދި "މައިކްރޯބަބްލްސް" ތައް އުފައްދައެވެ. މި ބަބްލްސްތައް މައިކްރޯސެކަންޑްސްގެ ތެރޭގައި ބޮޑުވެ، އަނެއްކާވެސް ފަޅައިގެންދާއިރު ޓިއުމަރުގެ ސެލްތައް ނައްތާލައެވެ. ދެން ބަލިމީހާގެ ދިފާއީ ނިޒާމުން (އިމިއުނިޓީ) ބާކީ ހުރި ސެލްތައް ނައްތާލައެވެ. މިގޮތަށް ފަރުވާ ދިނުމަކީ އަވަހަށް ކުރެވޭ، ޓޮކްސިކް މާއްދާއެއް ނުހިމެނޭ، އަދި އޮޕަރޭޝަނެއް ނުކޮށް ކުރެވޭ ކަމެކެވެ. ޒޫ ބުނި ގޮތުގައި، އާންމުކޮށް ބަލިމީހާއަށް އެއްދުވަހުންވެސް ގެއަށް ދެވޭނެއެވެ. ހިސްޓޯސޮނިކްސް އިން ބުނާ ގޮތުގައި، ފަރުވާ ދިނުމަށް ހޭދަވާ ވަގުތު ތަފާތު ނަމަވެސް، ގިނަ ފަރުވާތައް އެއް ގަޑިއާއި ތިން ގަޑިއިރުގެ ތެރޭގައި ނިމެއެވެ. ގިނަ ފަހަރަށް ޓިއުމަރުތައް އެންމެ ފަރުވާއަކުން ނައްތާލެވުނަސް، ގިނަ ނުވަތަ ބޮޑެތި ޓިއުމަރުތައް ހުންނަ ބަލިމީހުންނަށް ގިނަ ފަހަރު ފަރުވާ ދޭން ޖެހިދާނެއެވެ.

ހިސްޓޯޓްރިޕްސީގެ ފައިދާތައް އުންމީދީ ނަމަވެސް، މި ފަރުވާއާ ގުޅޭގޮތުން އަދިވެސް ހައްލު ނުކުރެވޭ ސުވާލުތައް އެބަހުއްޓެވެ. ފަރުވާ ދިނުމަށް ފަހު ކެންސަރު އަލުން އައުމާ ގުޅޭގޮތުން ދިގު މުއްދަތުގެ މައުލޫމާތު އަދި ފުރިހަމައެއް ނޫނެވެ. ބައެއް ދިރާސާވެރިން ވަނީ ޓިއުމަރުތައް ހަށިގަނޑުގެ އެތެރޭގައި ނައްތާލެވޭ، އެ ބައިތައް އެހެން ތަންތަނަށް ފެތުރި އަލަށް ކެންސަރު އުފެދިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން މިކަން ސާބިތުވެފައެއް ނުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން