ދުނިޔެ
ބަރުކީނާ ފާސޯގެ ސަރުކާރުން ޔޫރަޕްގެ ޤަައުމުތަކުގެ އެންޖީއޯ މުވައްޒަފުން ޖާސޫސް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ބަރުކީނާ ފާސޯގެ ރައީސް އިބްރާހިމް ޓްރައޯރޭ
ބަރުކީނާ ފާސޯގެ އަސްކަރީ ސަރުކާރުން އިންސާނީ އެހީގެ ޖަމިއްޔާއެއްގައި މަސައްކަތްކުރާ 8 މީހުން ޖާސޫސް ކުރުމާއި ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ނެދަލޭންޑްސްގެ އިންޓަނޭޝަނަލް އެންޖީއޯ ސޭފްޓީ އޯގަނައިޒޭޝަން (އައިއެންއެސްއޯ) އިން މި ތުހުމަތުތައް ވަނީ ކަނޑައެޅިގެން ދޮގުކޮށްފައެވެ.
ބަރުކީނާ ފާސޯގެ ސެކިއުރިޓީ މިނިސްޓަރު މަހަމަދޫ ސަނާ ވިދާޅުވި ގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ފްރާންސްގެ ފިރިހެނަކާއި، ފްރެންޗް-ސެނެގަލް ދަރިކޮޅުގެ މީހަކާއި، ޗެކް ރިބަޕްލިކް ގެ މީހަކާ، މާލީގެ ރައްޔިތެއް އަދި ބަރުކީނާ ފާސޯގެ 4 ރައްޔިތުންނެވެ. މި މުވައްޒަފުން ވަނީ ހުއްދަނެތި މަޢުލޫމާތު އެއްކުރުމުގެ ތުހުމަތުގައި 3 މަސްދުވަހުގެ މުއްދަތަށް މަސައްކަތްކުރުން މަނާކުރެވިފައިވަނިކޮށް އަމުރަށްނުކިޔަމަންވެ މަސައްކަތް ކުރަމުން ގެންގޮސްފައެވެ.
އައިއެންއެސްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއިން އެއްކުރާ މަޢުލޫމާތަކީ ހަމައެކަނި އިންސާނީ އެހީގެ މަސައްކަތްތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއްކުރާ މަޢުލޫމާތު ކަމަށާއި، މި މަޢުލޫމާތަކީ ސިއްރު މަޢުލޫމާތެއް ނޫން ކަމަށެވެ.
2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ވެރިކަމާ ހަވާލުވި އަސްކަރީ ސަރުކާރުން ވަނީ ކުރީގެ ކޮލޯނިއަލް ބާރު ފްރާންސްއާ ދުރަށް ޖެހިފައެވެ. އަދި އަވައްޓެރި މާލީ އަދި ނައިޖަރާ އެކު ސަހެލް ސްޓޭޓްސްގެ އިއްތިހާދެއް އުފައްދައި، ހަތިޔާރުގެ ވިޔަފާރީގައި ރަޝިޔާއާ ގާތް ގުޅުމެއް ބަދަހިކޮށްފައެވެ.
މި ތިން ޤައުމުގައިވެސް އަލްޤައިދާއާ ގުޅުންހުރި ހަތިޔާރުއެޅި ގްރޫޕްތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، ހިއުމަން ރައިޓްސް ވޮޗް އާއި އެހެނިހެން ޖަމިއްޔާތަކުން ވަނީ މި ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގާކަމަށް ތުހުމަތުކޮށްފައެވެ.