Ads by Stelco

ޚަބަރު

އެފް.އޭ.އެމް.ގެ ޚިޔާނާތް: ބައްސާމްގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމް!

އެފް.އޭ.އެމް.ގެ ޚިޔާނާތް: ބައްސާމްގެ މައްޗަށް 4 އަހަރުގެ ޖަލު ޙުކުމް!

އެފް.އޭ.އެމް.ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް / ތަޞްވީރު: ޤައުމީ ފުޓުބޯޅަ އެސޯސިއޭޝަން

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 03:49

08 އޮކްޓޯބަރު 2025، 03:49

ޤައުމީ ފުޓުބޯޅަ އެސޯސިއޭޝަން (އެފް.އޭ.އެމް.)އަށް ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާއިން ދިން ގިނަ ޢަދަދެއްގެ ފައިސާއާ މެދު ޚިޔާނާތްތެރިވި ކަމުގެ ކުށް ޘާބިތުވެ، 4 އަހަރުގެ ޖަލު ޙުކުމެއް ބައްސާމް ޢަދީލް ޖަލީލަށް އިއްވައިފިއެވެ.

މި ދިޔަ މަހު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، ފީފާއިން އެފް.އޭ.އެމް.އަށް ފައިސާ ދިން އިރު، އެފް.އޭ.އެމް.ގެ މާލީ ކަންކަން ބަލަހައްޓަން ހުރީ، އެ އެސޯސިއޭޝަންގެ އޭރުގެ ރައީސް، ބައްސާމެވެ. މި ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ބައްސާމްގެ މައްޗަށް ޘާބިތުވެފައިވާ އިރު، މި ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމުގައި އިސްތިޢުމާލުކޮށްފައިވާ ކަން އެނގެން އެބައޮތް ކަމަށް ދައުލަތުން ވަނީ ހާމަކޮށްފައެވެ.

އެފް.އޭ.އެމް.ގެ އެކިއެކި ކަންކަމަށް ޚަރަދުކުރުމަށްޓަކައި 2018ވަނަ އަހަރު ފީފާއިން އެފް.އޭ.އެމް.ގެ އެކައުންޓަށް ޖަމާކުރި 10،000 ޔޫ.އެސް. ޑޮލަރު ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އަމިއްލަ އެކައުންޓަށް ބަދަލުކޮށްފައެވެ. ބައްސާމް ދަޢުވާކުރާ ގޮތުގައި، އެއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެކެވެ. ނަމަވެސް ދައުލަތުން ބުނީ، ބައްސާމްގެ މި ދަޢުވާއާ ޚިލާފަށް، އެ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފް.އޭ.އެމް.އަށް ލިބިފައިނުވާ ކަމަށެވެ.

ފީފާއިން އެފް.އޭ.އެމް.އަށް ހަދިޔާކުރި 10،000 ޑޮލަރުން، ބޭންކަށް ކަނޑާ ފީތައް ކެނޑުމަށް ފަހު ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކޮށްފައިވާ ކަން ލިޔެކިޔުންތަކުން ދޭހަވެއެވެ. އެއީ އެފް.އޭ.އެމް.ގެ ރައީސަށް ފީފާއިން ދިން އެލަވަންސް ފައިސާ ނޫން ކަމަށާއި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމް.ގެ އެކައުންޓަށް ވަދެފައިނުވާތީ، އެއީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ދައުލަތުން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، ޚިޔާނާތަކަށް ވުމުގެ އެންމެހައި ޝަރުޠުތައް ފުރިހަމަވެފައިވާތީ، ބައްސާމުގެ މައްޗަށް ޚިޔާނާތުގެ ކުށް ޘާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ބައްސާމް ބޭނުންކުރީ ފުޓުބޯޅަ އެސޯސިއޭޝަންގެ ފައިސާ ކަން ޝައްކުކުރެވޭ ޙާލަތެއް އޮތުމުން، އޭނާގެ މައްޗަށް މަނީ ލޯންޑަރިންގގެ ކުށް ޘާބިތުވާ ވަރަށް ހެކި ހުރި ކަމަށް ވެސް ދައުލަތުން ބުނެއެވެ.

މަނީ ލޯންޑަރިންގއާއި ފައިސާއަށް ޚިޔާނާތެރިވުމަކީ ދެ ކުށެކެވެ. ބައްސާމްގެ ވަކީލް ޒުބައިރު މުޙައްމަދު ކޯޓުގައި ވިދާޅުވީ، އެ ފައިސާއަކީ ބައްސާމް ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ނޫން ކަމަށާއި، އެ ފަދަ ގޮތަކަށް ޝައްކުކުރެވެން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި ހަމަ އެހެންމެ، އެ ފައިސާ ނެގުމަށް ލިޔުންތައް ތައްޔާރުކުރީ ބައްސާމް ކަން ޔަޤީންވާ އެއްވެސް ހެއްކެތް ނެތްކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން، އެ ފައިސާ ނެގުމުގައި ބައްސާމް ބައިވެރިވި ކަން ވެސް އެނގެން ނެތް ކަމަށް ވަކީލު ވަނީ ދަޢުވާކުރައްވާފައެވެ.

ބައްސާމްގެ ވަކީލު ޒުބައިރު ވިދާޅުވީ، އެ ފައިސާއަކީ ބައްސާމަށް އޭރު އެފް.އޭ.އެމް.ގެ ރިއާސަތުގެ މަޤާމުގައި ހުރުމުގެ ސަބަބުން ލިބެން ޖެހޭ އެލަވަންސް ކަމަށާއި، އެ އެލަވަންސް ބައެއް ފަހަރު އެއްފަހަރާ ޖަމާވާ ކަން ހެކިބަސްތަކުން އެނގޭ ކަމަށެވެ.

ބައްސާމްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އެފް.އޭ.އެމް.ގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ދައުލަތުން ކުރި ދަޢުވާއަށެވެ. މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއާ ގުޅިގެން ޙުކުމްކުރުން އަދި ފަހުގެ ތާރީޚަކަށް ތާވަލުކުރެވޭނެއެވެ.

މި ދެ މައްސަލައިގެ އިތުރުން ވެސް ބައްސާމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އެބަ ހުއްޓެވެ. އެ ގޮތުން، އަމީން އެވެނިއުއިން ޕެންޓްހައުސް ގަތުމާއި، ފުޓްބޯޅަ އިދާރާގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ. މި ކަމުގެ ތަފްޞީލަށް ބަލައިލާ އިރު، އެފް.އޭ.އެމް.ގެ ފުޓުބޯޅަ ސުކޫލް އެޅުމަށް އެޗް.ޑީ.ސީ.އިން ހަމަޖައްސައިދިން ހުޅުމާލެ ބިމާއި، މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައި އޮންނަ ބިމުގައި އަމިއްލަ ފަރާތްތަކުން ގުދަންބަރި ހަދައިގެން ބޭނުންކުރަމުންދާ މައްސަލަ ފާހަގަކޮށްލުން ޙައްޤެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން