ދުނިޔެ
ފަލަސްޠީނު ރައްޔިތުންނަކީ ޙަޤީޤީ ބަޠަލުން: ޖެނާ އޯޓެގާ

ޖެނާ އޯޓެގާ
"ވެންސްޑޭ" ގެ މަޝްހޫރު ތަރި، ޖެނާ އޯޓެގާ، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ހިތާމަ އާއި ދުނިޔޭގެ އިހުމާލާ އެކުވެސް ދައްކަމުންދާ ކެތްތެރިކަމާއި ހިތްވަރުގެ ސަބަބުން އެމީހުންނަކީ އޭނާގެ "ބަޠަލުން" ކަމަށް ބުނެފިއެވެ.
ޕެރިހުގައި ބޭއްވި އިވެންޓެއްގައި ފްރާންސްގެ މަޖައްލާ "ގާލާ" އަށް ދެއްވި ބަސްދީގަތުމެއްގައި، އުމުރުން 21 އަހަރުގެ މި ހޮލީވުޑް ތަރި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ސާބިތުކަމާއި އަޒުމަށް ތައުރީފުކޮށްފައެވެ. އޭނާ ވިދާޅުވީ، "އަހަރެން ފަލަސްޠީނުގެ ރައްޔިތުންނަށް ބަލަނީ އަހަރެންގެ ބަޠަލުންގެ ގޮތުގަ. ދުނިޔޭގެ ހިމޭންކަމާއެކުވެސް އެމީހުން ދަނީ އެމީހުންގެ އަޑު އުފުލަމުން." އޯޓެގާ ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އަޑު ދުނިޔެއަށް އިއްވުމުގެ މުހިންމުކަން ފާހަގަކޮށް، އެމީހުންގެ ތަކުލީފުތަކާއި ކުރަމުންދާ މަސައްކަތް ދުނިޔެއަށް ހާމަވާން ޖެހޭ ކަމަށް ބުނެފައެވެ.
ޖެނާ އޯޓެގާ ފަލަސްޠީނަށް ތާއީދުކޮށް އަޑުއުފުލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޖޫން މަހު އޭނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓުތަކެއް ހިއްސާކޮށް، އީރާނާއި ފަލަސްޠީނުގައި ހިނގަމުންދާ އަނިޔާވެރިކަމަށް އަލިއަޅުވާލާފައެވެ. އެފަހަރު އޭނާ ލިޔެފައިވަނީ "އަހަރެންގެ ހިތަށް ލިބޭ މިއީ ބޮޑު ހިތާމައެއް ، ފަލަސްޠީނުގެ ރައްޔިތުންގެ ކަރުނަތައް ކޮންމެދުވަހެއްގެ ނޫސްތަކުގެ ހެޑްލައިންއަށް " މިފަދައިންނެވެ.
ފަލަސްޠީނުގެ ހައްގުތަކަށް އޭނާ ތަކުރާރުކޮށް ވަކާލާތުކުރުމަކީ ބައިނަލްއަގްވާމީ މީޑިއާ އާއި ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ކަމެކެވެ. މިއީ މަޝްހޫރު ފަރާތްތަކުގެ ހަރަކާތްތެރިކަމާއި، ދުނިޔޭގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ފާހަގަކުރުމުގައި އާންމު މަސްލަހަތު ހުރި ފަރާތްތަކުގެ ދައުރާ ބެހޭގޮތުން ބަހުސްތަކެއް އުފެދިގެން ގޮސްފައިވާ ކަމެކެވެ.
ފަލަސްޠީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ދާދިފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި، މިހާތަނަށް މަދުވެގެން 67,160 މީހުން ވަނީ މަރުވެފައެވެ. އަދި 169,679 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އިންސާނީ ކާރިސާ ދަނީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންނެވެ.
ޖެނާ އޯޓެގާގެ މި ސާބިތުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ތައުރީފުކޮށްފައެވެ. އޭނާގެ ހިތްވަރަކީ ބައިނަލްއަގްވާމީ މަޝްހޫރު ތަރިންގެ ޒުވާން ޖީލުގެ މެދުގައި ފެތުރެމުންދާ، ދުނިޔޭގެ އަނިޔާވެރިކަން ހާމަކުރުމަށްޓަކައި އެމީހުންގެ ޕްލެޓްފޯމުތައް ބޭނުންކުރުމުގެ އާންމު ޓްރެންޑެއްގެ ދަލީލެކެވެ. މަޝްހޫރު ފަރާތްތަކުގެ ނުފޫޒު ގަދަވަމުންދާ މި ދުވަސްވަރު، ފަލަސްޠީނަށް ޖެނާ އޯޓެގާ ދޭ ތާއީދަކީ ވަރަށް ނުފޫޒުގަދަ އަދި އަމިއްލަގޮތުންވެސް ފާހަގަކޮށްލެވޭ ކަމެކެވެ.