ދުނިޔެ
ޖޯންސަން އެންޑް ޖޯންސަންގެ މައްޗަށް 966 މިލިއަން ޑޮލަރިގެ ބަދަލު ދިނުމަށް އަމުރުކޮށްފި

ޖޯންސަން އެންޑް ޖޯންސަންސް
ހުލާސާ
ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑަރ ބޭނުންކުރުމުގެ ސަބަބުން މެސޮތީލިއޯމާ ކެންސަރު ޖެހިގެން ނިޔާވި އަންހެނެއްގެ އާއިލާއަށް 966 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ލޮސް އެންޖެލެސްގެ ކޯޓަކުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި 2021 ވަނަ އަހަރު ނިޔާވި މޭ މޫރގެ އާއިލާއިން ދަޢުވާކޮށްފައިވަނީ، އެ ކުންފުނީގެ ބޭބީ ޕައުޑަރގައި އެސްބެސްޓޮސް އެކުލެވޭ ކަމަށާއި، އެ ބާވަތުގެ ކެންސަރު ޖެހުނީ އެ ސަބަބުން ކަމަށެވެ. ޖޫރީން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 16 މިލިއަން ޑޮލަރާއި، އަދަބުގެ ގޮތުގައި 950 މިލިއަން ޑޮލަރު ދިނުމަށެވެ.
ނަމަވެސް ޖޯންސަން އެންޑް ޖޯންސަންގެ ވޯލްޑްވައިޑް ވައިސް ޕްރެޒިޑެންޓް އޮފް ލިޓިގޭޝަން، އެރިކް ހާސް ވިދާޅުވީ މި ނިންމުމާ މެދު އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށާއި، ދަޢުވާކުރި ފަރާތުގެ ވަކީލުން ހުށަހެޅި ހެކިތަކަކީ "ޖަންކް ސައިންސް" ކަމަށެވެ.
މި މައްސަލައަކީ ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑަރާ ގުޅިގެން ކުރިމަތިވި ފުރަތަމަ މައްސަލައެއް ނޫނެވެ. މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ވަނީ މި ކުންފުންޏާ ދެކޮޅަށް މިފަދަ މައްސަލަތައް ހުށަހަޅާފައެވެ. 2020 ވަނަ އަހަރު އެމެރިކާގައި ޓަލްކް އެކުލެވޭ ބޭބީ ޕައުޑަރ ވިއްކުން ހުއްޓާލުމަށްފަހު، 2023 ވަނަ އަހަރު ވަނީ މުޅި ދުނިޔޭގައިވެސް މި އުފެއްދުން ވިއްކުން ހުއްޓާލާފައެވެ.
މޫރގެ އާއިލާގެ ވަކީލު ޓްރޭ ބްރެންހަމް ވިދާޅުވީ، "މިފަދަ ބޭކާރު މަރުތަކަށް ޖޯންސަން އެންޑް ޖޯންސަންއިން ޒިންމާ ނަގާނެކަމަށް އުއްމީދުކުރާ" ކަމަށެވެ. ކުންފުނިން މިހާތަނަށް ބުނަމުން އައީ އެ ކުންފުނީގެ އުފެއްދުންތަކުގައި އެސްބެސްޓޮސް ނުހިމެނޭ ކަމަށާއި، އެއިން ކެންސަރު ނުޖެހޭނެ ކަމަށެވެ.