ދުނިޔެ

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ސަރަޙައްދީ ބާރުތަކުން އިންކާރުކޮށްފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ސަރަޙައްދީ ބާރުތަކުން އިންކާރުކޮށްފި

މޮސްކޯ ފޯމެޓް އޮފް ކޮންސަލްޓޭޝަންސް އޮން އަފްޣާނިސްތާނުގެ ބައިވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 07:09

08 އޮކްޓޯބަރު 2025، 07:09

އަފްޣާނިސްތާނުގައި ބޭރު ޤައުމުތަކުގެ އަސްކަރީ ވަސީލަތްތައް ޤާއިމުކުރުމަށް އިންޑިއާ އާއި ޕާކިސްތާން ހިމެނޭ ގޮތަށް ސަރަޙައްދީ ޤައުމުތަކުން އިންކާރުކޮށްފިއެވެ. 

ސަރަޙައްދީ ޤައުމުތަކުން އެކަމަށް އިންކާރުކޮށްފައިމިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަގްރާމް އެއަރބޭސް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދަަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޮސްކޯ ފޯމެޓް އޮފް ކޮންސަލްޓޭޝަންސް އޮން އަފްޣާނިސްތާންގެ މެންބަރު ޤައުމުތަކުން އާންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަފްޣާނިސްތާނަކީ މިނިވަން، އެއްބައިވަންތަ އަދި ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެ ޤައުމުތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. މި ފޯރަމްގައި އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ރަޝިއާ، ޗައިނާ، އީރާން އަދި މެދު އޭޝިއާގެ ޤައުމުތައް ބައިވެރިވެއެވެ.

ޠާލިބާނުގެ ބޭރުގެ ގުޅުންތަކާ ބެހޭ ވަޒީރު އަމީރު ޚާން މުއްތަގީ ވިދާޅުވެފައިވަނީ "އަފްޣާސްތާނަކީ މިނިވަން އަދި މުސްތަޤިއްލު ޤައުމެއް، އަދި ތާރީޚުގައިވެސް ބޭރުގެ އަސްކަރީ ބާރުތަކުގެ ވުޖޫދު މި ޤައުމުން ބަލައިގެންފައި ނުވާނެ" ކަމަށެވެ. 

އަދި އަފްޣާނިސްތާނު މިނިވަންކޮށް، މުސްތަޤިއްލުކޮށް ބޭއްވުމަށް ގެންގުޅޭ ސިޔާސަތު ބަދަލެއް ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި މަހު ޓްރަމްޕް ވަނީ ބަގްރާމް އެއަރބޭސް އަނބުރާ ނުދީފިނަމަ "ނުރަނގަޅު ކަންތައްތަކެއް" ވާނެކަމަށް ބުނެ އަފްޣާނިސްތާނަށް އިންޒާރުދީފައެވެ. އަދި އެ އެއަރބޭސްގެ ސްޓްރެޓެޖިކް މުހިންމުކަން ފާހަގަކުރައްވާފައިވަނީ ޗައިނާއާ ކައިރި ސަރަހައްދެއްގައި އެ އެއަރބޭސް އޮތުމާ ގުޅުވައިގެންނެވެ. ނަމަވެސް ޠާލިބާނުން ވަނީ ޓްރަމްޕްގެ މި ގޮވާލުން ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.

ބަގްރާމް އެއަރބޭސް އޮންނަނީ ޗައިނާގެ ބޯޑަރުން ގާތްގަނޑަކަށް 800 ކިލޯމީޓަރު ދުރުގައެވެ. އަދި ޝިންޖިއާންގައި ހުރި އެންމެ ކައިރީގެ ޗައިނާގެ މިސައިލް ފެކްޓަރީން 2،400 ކިލޯމީޓަރު ދުރުގައެވެ. މިހާރުގެ އަދި ކުރީގެ އެމެރިކާގެ އިސް އޮފިޝަލުން ވަނީ ޓްރަމްޕްގެ މި މަޤްސަދާމެދު ސުވާލު އުފައްދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން