ދުނިޔެ
ހަމަލާތައް ހުއްޓާލަން ޓްރަމްޕް ގޮވާލިތާ 4 ދުވަސް، 4 ދުވަސްތެރޭ 118 މީހުން ޝަހީދުކޮށްފި

އިސްރާއިލްގެ ހަމަލާއެއް ޣައްޒާއަށް ދެނީ
އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލިތާ 4 ދުވަސް ވެފައިވާއިރު މިވީ ހަތަރު ދުވަސް ތެރޭ 118 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ މީޑިއާ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލު ސިފައިން "ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި ހަނގުރާމަ ހުއްޓާލުމުގެ ގޮވާލުމަށާއި، އެ ހުށަހެޅުމަށް ދެވުނު އިޖާބީ ޖަވާބަށް އަޅާނުލައި" އަދިވެސް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ހަމަލާތައް ދަނީ ދެމުންނެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އޮކްޓޯބަރު 4 ވަނަ ދުވަހުގެ ފަތިހުން ފެށިގެން އޮކްޓޯބަރު 7 ވަނަ ދުވަހުގެ ނިޔަލަށް، އިސްރާއީލުން ވަނީ 230 އަށްވުރެ ގިނަ ޖައްވީ އަދި އާޓިލަރީ ހަމަލާ ދީފައެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި ހިޖުރަކޮށްފައިވާ މީހުން ތިބި ސަރަހައްދުތަކަށެވެ. މި ހަމަލާތަކުގައި "ސާފު މަރުގެ އަނިޔާވެރިކަން" ހިންގާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަރުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، ޣައްޒާ ސިޓީއިން އެކަނިވެސް 72 މީހުން ޝަހީދުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާތައް ދެމުންދިއުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުންކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން 67,100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ ވީރާނާވެފައެވެ.