ޚަބަރު
އައްޑޫ ސިޓީގެ ކައުންސިލާ ބެހޭ އިންތިޚާބު މި މަހު 25ގައި

އައްޑޫ ސިޓީ ކައުންސިލް އިދާރާ / ފޮޓޯ: ސަން

ފަރުދުން
08 އޮކްޓޯބަރު 2025، 08:01
08 އޮކްޓޯބަރު 2025، 08:01
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑު އަތޮޅު ހުޅުދޫ އާއި މީދޫ އާއި އެ އަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު މި މަހުގެ 25ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިޚާބަކީ އައްޑު އަތޮޅު ހުޅުދޫ އާއި އައްޑު އަތޮޅު މީދޫ އާއި އައްޑު އަތޮޅު ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީ، ނެގުމަށް ނިންމާފައިވާ ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ މީދުއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްސަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މި މަހުގެ 25ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އާންމުކުރަން ނިންމާފައި ވަނީ 26ވަނަ ދުވަހެވެ.