ދުނިޔެ

އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިޔާގެ އިސްވެރިއެއް ފުރަތަމަ ފަހަރަށް ލުބްނާނަށް

އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިޔާގެ އިސްވެރިއެއް ފުރަތަމަ ފަހަރަށް ލުބްނާނަށް

ސީރިޔާއާއި ލުބްނާންގެ ޚާރިޖީ ވަޒީރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޮކްޓޯބަރު 2025، 07:39

10 އޮކްޓޯބަރު 2025، 07:39

ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު އެ ޤައުމުގެ އިސްވެރިޔަކު ފުރަތަމަ ފަހަރަށް ލުބްނާނަށް ޒިޔާރަތްކޮށްފިއެވެ.

ސީރިޔާގެ އިސްވެރިންގެ ތެރެއިން ލުބްނާނަށް މިހާރު ޒިޔާރަތް ކުރައްވަމުންދަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު އަސަދު އަލްޝައިބާނީއެވެ. 

ސީރިޔާގެ ޚާރިޖީ ވަޒީރު އަސަދް އަލްޝައިބާނީ ވަނީ ދެ ޤައުމުގެ ގުޅުން އާރާސްތުކުރުމަށްޓަކައި ލުބްނާންގެ  އިސް ސަރުކާރު އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. 

ބައްދަލުވުމުގައި އަލްޝައިބާނީ ވިދާޅުވީ މިއީ "ލުބްނާނާ ދޭތެރޭ ސީރިޔާގެ އާ އެޕްރޯޗެއް" ކަމަށާއި، "ކުރީގެ ހުރަސްތައް ފަހަނައަޅައި" ދިއުމަށް މަސައްކަތްކުރާނެ ކަމަށެވެ. ލުބްނާންގެ ޚާރިޖީ ވަޒީރު ޔޫސުފް ރަޖީވެސް ވިދާޅުވީ ދެ ޤައުމުން "އާ މަގެއް" އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ދެ ޤައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ބޯޑަރު މައްސަލަތަކާއި، ލުންބާންގެ ޖަލުތަކުގައި ތިބި 2،000 ސީރިޔާގެ ރައްޔިތުންގެ މައްސަލައާއި، ސީރިޔާގައި ގެއްލިފައިވާ ލުބްނާންގެ ރައްޔިތުން ހޯދުމާއި، ސީރިޔާގެ ރެފިއުޖީން އަނބުރާ ގެންދިއުމުގެ މައްސަލަ ހިމެނެއެވެ.

ސީރިޔާގެ 14 އަހަރަށް ދެމިގެންދިޔަ  ހަނގުރާމައިގައި އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް ލުބްނާނަށް ހިޖުރަ ކޮށްފައިވެއެވެ. ނަމަވެސް އދ. ގެ ރެފިއުޖީ އެޖެންސީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރު 294،000 އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ ސީރިޔާއަށް ގޮސްފައެވެ.

ޑިސެމްބަރު މަހު ބައްޝާރު އަލްއަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، އަދި ހިޒްބުއްލާގެ ބާރު ކުޑަވުމާއެކު، ދެ ޤައުމުގެ ގުޅުން ރަނގަޅުކުރުމުގެ މަސައްކަތް ވަނީ ހަލުވިވެފައެވެ. ޚާރިޖީ ވަޒީރު އަލްޝައިބާނީ ވިދާޅުވީ ސީރިޔާއިން "ލުބްނާންގެ މިނިވަންކަމަށް އިހްތިރާމްކުރާ" ކަމަށާއި، ކުރީގެ ހުރަސްތައް ފަހަނައަޅައި ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން