ދުނިޔެ
ހަނގުރާމައިގެ ތެރޭގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްޒާގެ 55ހާހަށްވުރެ ގިނަ ކުޑަކުދިން ބަލިމަޑުކަން ތަހައްމަލު ކުރަމުންދޭ

ހަށިގަނޑު ހިކި އަނަރޫފަވެފައިވާ ޣައްޒާގެ ކުޑަކުއްޖެއް
ހަނގުރާމައިގެ ތެރޭގައި ބަނޑުހައިހޫނު ކަަމުގެ ސަބަބުން ޣައްޒާގެ 55ހާހަށްވުރެ ގިނަ ކުޑަކުދިން ބަލިމަޑުކަން ތަހައްމަލު ކުރަމުންދާކަމަށް އދ. ގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕެލެސްޓައިން ރެފިއުޖީސް (އަންރުވާ) އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އެދިރާސާއިން ދައްކާ ގޮތުގައި ޣައްޒާގެ 5 އަހަރުން ދަށުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ ނުރައްކާތެރި މިންވަރަކަށް ކާބޯތަކެއްޗަށް ޖެހިފައިވާ ކުއްޖެކެވެ.
ދި ލޭންސެޓްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި 54،600 އަށްވުރެ ގިނަ ކުޑަކުދިން މި ހާލަތުގައި ތިބިއިރު، އޭގެ ތެރެއިން 12،800 އަށްވުރެ ގިނަ ކުދިންނަކީ ވަރަށް ނުރައްކާތެރި މިންވަރަކަށް ހަށިގަނޑު ހިކި އަނަރޫފަވެފައިވާ ކުދިންނެވެ. މިއީ އަވަސް ފަރުވާ ނުލިބިއްޖެނަމަ، ހަށިގަނޑުގެ ބަރުދަން އަވަހަށް ދަށްވެ، ގުނަވަންތައް ހަލާކުވެ، މަރުވުމަށް މަގުފަހިވެދާނެ ހާލަތެކެވެ.
2024 ގެ ޖަނަވަރީން ފެށިގެން 2025 ގެ އޯގަސްޓް މެދާ ހަމައަށް، ޣައްޒާގެ އެކި ސިއްހީ މަރުކަޒުތަކުން 220،000 އަށްވުރެ ގިނަ ކުދިންގެ މައުލޫމާތު މިދިރާސާއަށް ބޭނުންކުރެވިފައިވެއެވެ.
2023 ގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އިސްރާއީލުން އެހީގެ ޤާފިލަތަކަސް ހުރަސްއެޅުމާއި ސަބަބުން ކާބޯތަކެތި ލިބުން ދަތިވެ، ކުޑަކުދިންނަށް ބޭނުންވާ ފަރުވާ ނުލިބި، ގިނަ އަދަދެއްގެ ކުދިން ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި ހަނގުރާމަ ފެށުނީއްސުރެ ކާބޯތަކެއްޗަށް ދަތިވެ 461 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 157 ކުޑަކުދިން ހިމެނެއެވެ. މި ޝަހީދުންގެ ގިނަ އަދަދެއް ރިކޯޑުކުރެވިފައިވަނީ 2025 ވަނަ އަހަރުއެވެ.
"ކޮންމެ ދުވަހަކު އަހަރެމެންނަށް ފެންނަނީ ހޮސްޕިޓަލަށް އަންނަ ކުދިން ހިނގަން ވެސް ނުކުޅެދޭވަރަށް ބަލިކަށިވެފައި. ރޮއިގަތުމުގެ ބާރުވެސް ނެތް ހާލުގައި. މިއީ ހުއްޓުވޭނެ ކަމެއް. އެކަމަކު އެ ހުރިހާ ކުދިންނާ ހަމައަށް ވާސިލުވާނެ ގޮތެއް ނެތް،" އަންރުވާގެ ކުޑަކުދިންގެ ނަރުހެއް ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ބުނެފައިވެއެވެ.
"ކާބޯތަކެއްޗާއި އެހީ ހޯދުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންގެ މެދުގައި ނުރައްކާތެރި ފެންވަރެއްގައި ކެއުމުގެ ނުކުޅެދުންތެރިކަން އިތުރުވެފައިވޭ. މީގެ ނޭދެވޭ އަސަރުތައް އަހަރުތަކަކަށް ދެމިގެންދާނެ. އެ ކުދިންގެ ހެދިބޮޑުވުމާއި، ދަސްކުރުމާއި، ދިރިހުރުމަށް މީގެ އަސަރުކުރާނެ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.