ދުނިޔެ

ޣައްޒާ އަލުން ބިނާކުރުމަށް ޖަރުމަނުން މިޞްރާއެކު ބައިނަލްއަޤުވާމީ ކޮންފަރެންސެއް ރާވަނީ!

ޣައްޒާ އަލުން ބިނާކުރުމަށް ޖަރުމަނުން މިޞްރާއެކު ބައިނަލްއަޤުވާމީ ކޮންފަރެންސެއް ރާވަނީ!

ޗާންސެލަރ ފްރީޑްރިކް މާޒް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޮކްޓޯބަރު 2025، 10:51

11 އޮކްޓޯބަރު 2025، 10:51

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ދަނޑިވަޅެއްގައި، ޣައްޒާ ސިޓީ އަލުން ބިނާކުރުމާބެހޭ ބައިނަލްއަޤުވާމީ ކޮންފަރެންސެއް މިޞްރާއެކު ބޭއްވުމަށް ޖަރުމަނުން ރާވަމުންދާ ކަމަށް، އެޤައުމުގެ ޗާންސެލަރ ފްރީޑްރިކް މާޒް ހުކުރު ދުވަހު އިއުލާން ކުރައްވައިފިއެވެ.

ޗާންސެލަރ މާޒް ވިދާޅުވީ، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޣައްޒާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށްވާ ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ޤާއިމުކުރުމާއި، ސިއްހީ ފަރުވާގެ ހިދުމަތްތައް ހަމަޖެއްސުން ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށްފަހު، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަރުމަނު ތައްޔާރަށް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖަރުމަނުގެ ފެޑެރަލް މިނިސްޓްރީ ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ތަރުޖަމާނަކު އިތުރަށް ވިދާޅުވީ، ޖަރުމަނުންނަށް ޣައްޒާގައި ބޭނުންކުރުމަށް 850 ވަގުތީ ބޯހިޔާވަހިކަމުގެ ޔުނިޓް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ ތެރެއިން 50 ޔުނިޓް މިހާރުވެސް ރާމައްލާގައި ހުރި ކަމަށާއި، އެ ޔުނިޓްތައް އަވަހަށް ޣައްޒާއަށް ގެންގޮސް ރައްޔިތުންނަށް ދިރިއުޅެން ބޭނުންވާ ތަންތަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ހުރި އިމާރާތްތަކުގެ 90 އިންސައްތަ އާއި 92 އިންސައްތައާ ދެމެދުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ނުވަތަ އެކީއެކަށް ހަލާކުވެފައިވާ ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަކި ބަޔާނެއް ނެރެ، ހަމާސްއާ އެކު ހައްޔަރުވެފައިވާ މީހުން ދޫކުރުމުގެ އެއްބަސްވުމުގެ "މަސައްކަތުގެ އޮނިގަނޑަށް" ސަރުކާރުން ހުއްދަދީފައިވާ ކަން ކަށަވަރުކޮށްދިނެވެ. ޗާންސެލަރ މާޒް މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެ، އެ އެއްބަސްވުން "އަވަހަށް ތަންފީޒުކުރުމަށް" ގޮވާލެއްވިއެވެ. އަދި "ޖަރުމަނު ރައްޔިތުންނާ އެކު، ހައްޔަރުވެފައިވާ މީހުންނަށް ދާއިމީކޮށް އެމީހުންގެ އާއިލާތަކާ އަލުން ގުޅިގަތުމުގެ ފުރުޞަތު ދޭން" ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ޣައްޒާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް "އިންސާނީ އެހީ އަވަހަށް ވާސިލުވާން" ޖެހޭ ކަމަށް ފާހަގަކުރައްވައި، ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އޭނާ ބާރުއެޅުއްވިއެވެ. ޖަރުމަނުން އިތުރު €29 މިލިއަން (33.6 މިލިއަން ޑޮލަރު) އިންސާނީ އެހީގެ ގޮތުގައި ދޭނެ ކަމަށާއި، މިނިވަންކުރެވޭ މީހުންނަށް "ސިއްހީ އަދި ނަފްސާނީ ފަރުވާ" ދިނުމުގައި އެހީތެރިވާނެ ކަމަށްވެސް މާޒް ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި އަދިވެސް 48 މީހުން ހިސޯރުކޮށްފައި ތިބި ކަމަށާއި، އޭގެ ތެރެއިން 20 މީހުން ދިރިތިބި ކަމަށް ބެލެވޭ ކަމަށެވެ. އަދި 28 މީހުން މަރުވެފައިވާ ކަން ކަށަވަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ޖަރުމަނުގެ ހަތަރު ރައްޔިތުން ހިމެނޭ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން