ކުޅިވަރު / ޚަބަރު

ގައުމީ ޓީމަށް ސަޕޯޓްކުރުމަށް "ފޯރީގައި ދަނޑަށް" ކުޑަކުދިންގެ ހަވީރު ބާއްވަނީ

ގައުމީ ޓީމަށް ސަޕޯޓްކުރުމަށް "ފޯރީގައި ދަނޑަށް" ކުޑަކުދިންގެ ހަވީރު ބާއްވަނީ

ފޯރީގައި ދަނޑަށް ކުޑަކުދިންގެ ހަވީރު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޮކްޓޯބަރު 2025، 11:10

11 އޮކްޓޯބަރު 2025، 11:10

ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން، "ފޯރީގައި ދަނޑަށް" ނަމުގައި ކުޑަކުދިންގެ ޚާއްސަ ހަވީރެއް މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި ހަވީރު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކުރިއަށްއޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން، ދިވެހި ގައުމީ ޓީމާއެކު ދިވެހިން ތިބިކަން އަންގައިދީ، ޓީމުގެ ކުޅުންތެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ކުޑަކުދިންނަށް ހޯދައިދިނުމެވެ.

"ފޯރީގައި ދަނޑަށް" މި ހަވީރުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި މަޝްހޫރު ކެރެކްޓަރުން ކަމަށްވާ ރޮބޮމޭން އާއި ސައިފްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ބޮޑުބެރު ގްރޫޕް ބިދަބިންގެ ހަރަކާތްތައްވެސް މި ހަވީރުގައި ފެނިގެންދާނެއެވެ.

އަދި، މި ހަރަކާތާ ގުޅިގެން، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކުންވެސް އެ ސަރަހައްދުން އެ ވަގުތު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެފްއޭއެމްއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގޮނޑިބަރީގެ ޓިކެޓް 100 ރުފިޔާއަށް އަދި ސިޑިބަރީ ޓިކެޓް 50 ރުފިޔާއަށް ލިބޭނެއެވެ.

ޚާއްސަ ފުރުސަތެއްގެ ގޮތުގައި، މި ހަރަކާތުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް، އެ ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ "ފޯރީގައި ދަނޑަށް" މި ހަރަކާތުގައި ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، މިފަދަ ރަނގަޅު ފުރުސަތެއްގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން