Ads by Farudhun

ޚަބަރު

ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާ ގުޅިގެން އައިސީޖޭއިން ކުރި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާ ގުޅިގެން އައިސީޖޭއިން ކުރި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ

ގެންބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ނޮވެމްބަރު 2026، 06:51

19 ނޮވެމްބަރު 2026، 06:51

ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން، ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ކުރި ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހެޅި މި މައްސަލައަކީ، މިޔަންމާގެ ރާޚައިން ސްޓޭޓުގައި ހަރަކާތްތެރިވާ ރޮހިންޔާ ހަނގުރާމަވެރި ޖަމާޢަތަކުން ދިން ޙަމަލާއަކާ ގުޅިގެން، 2017 ވަނަ އަހަރުގެ އޯގަސްޓް މަހު އެ ޤައުމުގެ އަސްކަރިއްޔާއިން "ކްލިއަރެންސް އޮޕަރޭޝަން" ގެ ނަމުގައި ހިންގި ލާއިންސާނީ އުދުވާނަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. އެ އޮޕަރޭޝަނުގެ ތެރޭގައި މިޔަންމާގެ ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ މީހުން މަރައި، އަންހެނުންގެ އިއްފަތް ފޭރި، އަދި އެތައް ހާސް ގެދޮރެއްގައި އަލިފާން ރޯކޮށް އަންދާލާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިސީޖޭގެ މި ޙުކުމަކީ ޖެނޮސައިޑް ކޮންވެންޝަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނީ ޒިންމާތައް ދެމެހެއްޓުމަށާއި، ސުލްޙަވެރި އަދި ޝަރުޢީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ހަރުދަނާކުރުމުގައި އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު ހާމަކޮށްދޭ ނިންމުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ޝަރީޢަތުގެ ތެރެއަށް ރަސްމީކޮށް ތަދައްޚުލްވެ، ވަކާލާތުކުރި އެއް ޤައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށާއި އެފަދަ ޢަމަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ސާބިތުކަމާއެކު ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި، ހަމައެކަނި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބެމުންދާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށާއި، ކުށްވެރިން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބަދަހި އަޒުމެއް އޮންނަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



މީގެއިތުރުން، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި، އިންޞާފާއި ޖަވާބުދާރީވުން ކަށަވަރުކުރުމުގެ އިތުރުން ނަސްލު ނައްތާލުމުގެ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ދުނިޔޭގެ އެންމެހައި ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

މިޔަންމާގެ އަސްކަރިއްޔާގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ގާތްގަނޑަކަށް 1.2 މިލިއަން ރޮހިންޔާ މުސްލިމުން މިހާރު ދިރިއުޅެމުންދަނީ އަވަށްޓެރި ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ޤާއިމުކޮށްފައިވާ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ. އެ މީހުން ދިރިއުޅެމުން ދަނީ އަލިފާނުގެ ހާދިސާތަކާއި، ގައިންގަޔަށް އަރާ ބަލިމަޑުކަމާއި، ވިއްސާރަ މޫސުމުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކަލުގެ އިތުރުން ސާފުތާހިރުކަމުގެ ޚިދުމަތްތައް ދަށް އަދި ވަޒީފާ އަދާކުރުމަށް ހުރަސްތައް އެޅިފައިވާ ނުހަނު ދަތި ހާލުގައެވެ.

މި މައްސަލާގައި ގެމްބިއާއިން ވަނީ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ބަދަލު ހޯދައިދިނުމަށާއި، މިޔަންމާގެ ފުރިހަމަ ރައްޔިތުކަން އެމީހުންނަށް ދިނުމުގެ އިތުރުން، އަމިއްލަ ވަޒަނަށް އަނބުރާ ރުޖޫޢަވުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް މިޔަންމާގެ މައްޗަށް އަމުރުކޮށްދިނުމަށް ކޯޓުގައި އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450