ޚަބަރު
ޤައުމީ ކުތުބުހާނާގައި ޕާކިސްތާނު ކަލެކްޝަން ކޯނާރއެއް ހުޅުވައިފި
ޤައުމީ ކުތުބުހާނާގައި ޕާކިސްތާނު ކަލެކްޝަން ކޯނާރއެއް ހުޅުވުން / ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގައި " މުހައްމަދު އަލީ ޖިނާހު ކޯނަރ" ގެ ނަމުގައި ޕާކިސްތާނުގެ ފޮތް ކޯނަރއެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ޤައުމީ ކުތުބުޚާނާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ކޯނަރު ހުޅުއްވައިދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ވައިސް އެޑްމައިރަލް ރިޓަޔަރޑް ފައިސަލް ރަސުލް ލޮދިއާއި، ޕާކިސްތާނު އެމްބަސީގެ އިސްބޭފުޅުންގެ އިތުރުން ޤައުމީ ކުތުބުޚާނާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވަނީ، ކުތުބުޚާނާގައި މިފަދަ ޚާއްޞަ ކޯނާއެއް ޤާއިމުކުރުމަށްޓަކައި ޕާކިސްތާނު އެމްބަސީން ފޮތްތައް ހަދިޔާކުރެއްވި ކަމަށްޓަކައި އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
އަދި ފާއިތުވި 80 އަހަރު ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާއިން ތަފާތު އެކި ދާއިރާތަކުން ޢިލްމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މިއަދު މި ހުޅުވުނު ކަލެކްޝަން ކޯނަރަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ އަދި ދެ ޤައުމުގެ ސަޤާފީ ގުޅުން ފުޅާވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާތިމަތު ޝިހާމް ވިދާޅުވިއެވެ.