ޚަބަރު
އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި ދިވެހި ވަފުދެއް ސަޢުދީއަށް
އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި ސައުދީއަށް ވަޑައިގެންނެވި ބޭފުޅުން---
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ސަޢޫދީ ޢަރަބިއްޔާގެ ހެޔޮ އެދޭ މުއައްސަސާއެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޢުމްރާ ދަތުރާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި ބައިވެރިވާ 19 ބައިވެރިންގެ ވަފުދެއް ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ތާރީޚާއި، ދީނީ ތަޢުލީމާއި، އިސްލާމީ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން ބައިވެރިންގެ ޢިލްމީ މަޢުލޫމާތު އިތުރުކުރުމެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ ދީނީ، ތަޢުލީމީ އަދި ތާރީޚީ މުއައްސަސާތަކުން ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ފަހިކޮށްދިނުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެކެވެ.
މި ދަތުރުގެ ބައިވެރިން ހޮވާލެވިފައިވަނީ ރާއްޖޭގެ ތަފާތު މުއައްސަސާތަކުންނެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ޒުވާން ޚަޠީބުން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޛިކްރާ ކޮލެޖް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، ސިވިލް ސަރވިސް ކޮމިޝަން އަދި އެވިޑް ކޮލެޖް ހިމެނެއެވެ.
މި ތަޢުލީމީ ޕްރޮގްރާމްގެ ދަށުން، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ މުހިންމު އިސްލާމީ މުއައްސަސާތަކަށާއި ތާރީޚީ ބިނާތަކަށް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުއްމުލް ޤުރާ ޔުނިވަރސިޓީއާއި، ކުއްލިއްޔަތުލް ޙަރަމިލް މައްކިއްޔިއްޝަރީފާއި، މަސްޖިދުލް ޙަރާމްގެ ކުތުބުޚާނާގެ އިތުރުން ޙައްޖުގެ މާތް ބިންތަކަށް ވަފުދުގެ ބައިވެރިން ޒިޔާރަތްކުރާނެއެވެ. ހަމައެއާއެކު، ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާ ބެހޭ ބައިނަލްއަޤްވާމީ ދާރުލްއާޘާރަށާއި، ކީރިތި ޤުރްއާނާ ބެހޭ ދާރުލްއާޘާރަށާއި، މަދީނާގެ ދާރުލްއާޘާރުތަކަށާއި، މަސްޖިދުއްނަބަވީއަށާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބަދުރާއި އުޙުދުގެ މައިދާނަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ރޭވިފައެވެ.
މިފަދަ އަގުހުރި ޕްރޮގްރާމެއް ފަހިކޮށްދިނުމުގައި ސަޢޫދީ ޢަރަބިއްޔާގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިން މުއައްސަސާއިން ވެދެއްވި އެއްބާރުލުމަށްޓަކައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ޚާއްޞަކޮށް ތަޢުލީމީ އަދި ދީނީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.