ޚަބަރު
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތިބޭނީ ތައްޔާރަށް: މާލީ ވަޒީރު

ވަޒީރު ވާހަކަފުޅު ދެއްކެވުން--
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތިބޭނީ ތައްޔާރަށްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ބާއްވާ އެކައުންޓިން ދާއިރާގެ އެންމެ ބޮޑު ފޯރަމްކަމަށްވާ "މޯލްޑިވްސް އެކައުންޓެންޓްސް ޕޯރަމް 2025" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމަކީ، ރާއްޖޭގެ އެކި ކުންފުނިތަކުގައާއި އަމިއްލައަށް ވެސް މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކޮށް، ޚިޔާލާއި މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމު ގުޅުވައިދޭ އެންމެ މުހިންމު އަސާސަކީ އިތުބާރު ކަމަށެވެ. އެގޮތުން، އިތުބާރު ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން ކަމަށާއި، އިތުބާރުހުރި މާލީ މަޢުލޫމާތުގެ ސަބަބުން ބޭންކުތަކަށް ޒިންމާދާރުކަމާއެކު ލޯނު ދޫކުރެވޭކަމަށާއި، އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް އިތުބާރާއެކު ޕްލޭންކުރެވޭނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެކައުންޓިންގ އަދި ރިޕޯޓިންގ މިންގަނޑުތަކުން ކްރެޑިޓް ރިސްކް އެސެސްކުރުމަށާއި، ކޮމްޕްލަޔަންސްކަން ކަށަވަރުކުރުމަކީ ހަމައެކަނި އެއް މުއައްސަސާއަކުން ކުރަމުންދާ މަސައްކަތުން ހާސިލްކުރެވޭނެކަމެއް ނޫންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ސަރުކާރާއި އެކައުންޓިންގ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، އެކައުންޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވަމުން ވަޒީު ވަނީ، މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.