ސައިންސް
އޭ.އައި.ގެ ފަހިކަމާއި ހަކަތައިގެ ބޮޑު އަގު: ސަމާލުވާންވީ ކަމެއް

އޭއައި
އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ފާހަގަކުރެވޭ މިންވަރަކަށް ނުފޫޒު ފޯރުވަމުންދާ ޓެކްނޮލޮޖީއެކެވެ. މީގެ މައިގަނޑު ސަބަބަކީ މަޢުލޫމާތާއި ކޮންޓެންޓް ވަގުތުން ފޯރުކޮށްދިނުމުގެ ޤާބިލިއްޔަތު ކަމުގައި ދެކެވެއެވެ. އެހެންނަމަވެސް، އޭ.އައި. އަކީ ހަމައެކަނި އިންސާނީ ބުއްދީގެ އެހީތެރިއެއްގެ ގޮތުގައި ހަނިކޮށް ދެކޭ ނަޒަރު ބަދަލުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިހާރު އޭ.އައި. އަށް އަމިއްލައަށް އައު އައިޑިއާތަކާއި ހައިޕޮތެސިސްތައް އުފެއްދުމުގެ ޤާބިލިއްޔަތު ލިބިފައިވާއިރު، އަަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށްވެސް މި ޓެކްނޮލޮޖީ ބޭނުންކުރެވެމުންދެއެވެ.
އޭ.އައި. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސީ ބައެއްގެ ގޮތުގައި ހިމެނިފައިވީ ނަމަވެސް، މި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ދައްކަންޖެހޭ އަގު، ޚާއްޞަކޮށް ހަކަތަ ބޭނުންކުރަމުންދާވަރު، ގިނަ ފަރާތްތަކަށް އަދިވެސް އެނގިފައިނުވާކަން ފާހަގަކުރެވެއެވެ. ޖެނެރޭޓިވް އޭ.އައި. މޮޑެލްތައް ހިންގުމަށް މަތީ މިންވަރެއްގެ ހަކަތަ ބޭނުންވެއެވެ. މީގެ އަސާސީ ސަބަބުތަކުގެ ތެރޭގައި އޭ.އައި. މޮޑެލްއެއް ތަމްރީނުކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޮޑުމިން ހިމެނެއެވެ. މޮޑެލްގެ ކޮމްޕްލެކްސިޓީ އާއި ބޭނުންކުރެވޭ މަަޢުލޫމާތުގެ މިންވަރު އިތުރުވުމާއެކު، ތަމްރީނުކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރުވެސް އިތުރުވެގެންދެއެވެ.
ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި ޗެޓްޖީޕީޓީ ބޭނުންކޮށްގެން މަޢުލޫމާތު ހޯދުމަށް، ގޫގުލް ސާރޗްއެއް ކުރުމަށްވުރެ ގާތްގަނޑަކަށް ދިހަ ގުނަ އިތުރު ހަކަތައެއް ބޭނުންވެއެވެ. މީގެ އިތުރުން، ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ޖެނެރޭޓިވޭޓިވް އޭ.އައި. ބޭނުންކޮށްގެން އެންމެ ފޮޓޯއެއް އުފެއްދުމަށް ހޭދަވާ ހަކަތައަކީ މޯބައިލް ފޯނެއް ފުރިހަމައަށް ޗާޖުކުރުމަށް ބޭނުންވާ މިންވަރާ އެއްވަރުގެ ހަކަތައެކެވެ.
އޭ.އައި. މޮޑެލްތައް ހިންގަނީ ހައި-ޕަރފޯމަންސް ޕްރޮސެސަރުތަކުން ބާރު ލިބިފައިވާ ޑޭޓާ ސެންޓަރުތަކުގައެވެ. މި ސެންޓަރުތަކުން ކޮމްޕިއުޓިންގ ސިސްޓަމްތަކަށް ބާރުދިނުމަށާއި ކޫލިންގ އިކުއިޕްމަންޓްތައް ހިންގުމަށް ގިނަ މިންވަރެއްގެ ކަރަންޓު ބޭނުންކުރެއެވެ. 2023 ވަނަ އަހަރު، އޭ.އައި. ޓެކްނޮލޮޖީތަކުން ދުނިޔޭގެ ޑޭޓާ ސެންޓަރުތަކުން ބޭނުންކުރި ޖުމްލަ ހަކަތައިގެ ގާތްގަނޑަކަށް 8 އިންސައްތަ ބޭނުންކޮށްފައިވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި އަދަދު 2028 ވަނަ އަހަރާ ހަމައަށް 20 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވެއެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ އޭ.އައި. ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުވަމުންދާ މިންވަރާއި، އޭގެ ސަބަބުން ހަކަތައިގެ ބޭނުންކުރުން އިތުރުވަމުންދާ ނިސްބަތެވެ.
އޭ.އައި. ތަމްރީނުކުރުމާއި ހިންގުމުގައި ބޭނުންކުރާ ހަކަތައިގެ މިންވަރު ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ މި ޓެކްނޮލޮޖީ އިތުރަށް ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. މިގޮތުން، މިހާރު ދިރާސާކުރާ ފަރާތްތަކުން ދަނީ ހަކަތަ އިޤްތިޞާދުކުރާ އޭ.އައި. މޮޑެލްތައް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންނެވެ. "ޑީޕްސީކް" ފަދަ މޮޑެލްތަކަކީ އޭ.އައި. އިތުރަށް ހަރުދަނާކޮށް އަދި ހަކަތައަށް ރައްޓެހި ގޮތެއްގައި ތަރައްޤީކުރެވޭނެ އުންމީދީ ނަމޫނާތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުން އިތުރުވަމުންދާއިރު، އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ހަކަތައިގެ ބޭނުންކުރުމާ ގުޅޭގޮތުން ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަކީ، މި ޓެކްނޮލޮޖީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، އޭގެ ފައިދާ މުޖުތަމަޢުއަށް ފުޅާ ދާއިރާއެއްގައި ކުރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، އޭ.އައި. ގެ ދާއިރާގައި ކުރެވޭ ދިރާސާތަކާއި އީޖާދުތަކުގައި ހަކަތައިގެ ބޭނުންކުރުން އިޤްތިޞާދުކުރުމަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.