Ads by Stelco

ޚަބަރު

ޤައުމީ ތަރައްޤީގެ މަޝްރޫޢަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ 50% ނިންމާލައިފި

ޤައުމީ ތަރައްޤީގެ މަޝްރޫޢަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ 50% ނިންމާލައިފި

ކުރިމަގު ސައްލާ ބައްދަލުވުންތަކުގެ ތެރެއިން.

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 04:33

11 އޮކްޓޯބަރު 2025، 04:33

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ރާއްޖޭގެ އާބާދުވެފައިވާ ރަށްތަކުގެ 50% ރަށުގައި ކުރިއަށް ގެންގޮސްފައިވާ އިރު، "ވިލުންތެރި ރާއްޖެ" ޓީމުގެ އުންމީދަކީ، ހިނގަމުން މި ދާ އޮކްޓޫބަރު މަހުގެ ނިޔަލަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މި މަޝްވަރާތައް ނިންމާލުމެވެ.

ކުރިއަށް އޮތް 20 އަހަރުގެ ތަރައްޤީގެ އޮނިގަނޑެއް ކަމުގައިވާ "ވިލުންތެރި ރާއްޖެ 2045"އަށް ޚިޔާލު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ނިމި ދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ އެންމެހައި ރަށްތަކުގެ ރަޢިއްޔަތުންގެ ޚިޔާލާއި ލަފައަށް ރިޢާޔަތްކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ. ހަމަ އެހެންމެ، އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހުށަހެޅުންތައް އެހުމަށް ވެސް ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.

ވިލުންތެރި ރާއްޖެ ޓީމުން ހާމަކުރާ ގޮތުގައި، "ކުރިމަގު ސައްލާ"ގެ ނަމުން ނަންދީފައިވާ ޚިޔާލު ހޯދުމުގެ މަސައްކަތް، ރާއްޖޭގެ މީހުން ދިރިއުޅޭ 50% ރަށުގައި މިހާރު ވަނީ ކުރިއަށް ގެންގޮސް ނިންމާލާފައެވެ. އެއީ ގާތްގަނޑަކަށް 100 ރަށް ކަން ފާހަގަކޮށްލެވެއެވެ.

"ވިލުންތެރި ރާއްޖެ 2045" ގެ ޕްލޭން އެކުލަވާލުނުގެ މަސައްކަތް ކުރާ "ނެކްސިޔާ މޯލްޑިވްސް"އިން ބުނީ، މިހައިތަނަށް 10 އަތޮޅެއްގެ އެންމެހައި ރަށްތަކަށް ދަތުރުކޮށް، ޢާންމުންނާ އެކު ޚިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.

މިހައިތަނަށް ކުރިމަގު ސައްލާ ބާއްވާ ނިންމާފައިވާ އަތޮޅުތަކަކީ: އައްޑުއަތޮޅު، ފުވައްމުލަކުއަތޮޅު، ހައްދުންމަތި، ހުވަދުއަތޮޅު ދެކުނުބުރި، ތިލަދުންމަތީ އުތުރުބުރި، ފެލިދެއަތޮޅު، އަރިއަތޮޅު ދެކުނުބުރި، މުލަކަތޮޅު، އަދި ފާދިއްޕޮޅެވެ.

މީގެ އިތުރުން، "ކުރިމަގު ސައްލާ"ގެ ބައްދަލުވުންތައް މިހާރު ވެސް 6 އަތޮޅެއްގައި ދަނީ ކުރިއަށެވެ. އެއީ: ހުވަދުއަތޮޅު އުތުރުބުރި، އަރިއަތޮޅު އުތުރުބުރި، މިލަދުންމަޑުލު ދެކުނުބުރި، އަދި މާޅޮސްމަޑުލު ދެބުރިއެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނޭ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި، އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި އޮނިގަނޑުގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނޭ ބަދަލުތަކާއި، ރާއްޖޭގެ ތިމާވެއްޓާއި، ޢުމްރާނީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އަންނާނޭ ބަދަލުތަކަށް ރިޢާޔަތްކުރާނޭ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.

މި ޕްލޭންއަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މުޅި ޕްލޭން އަންނަ ޖަނަވަރީ މަހު ޢާންމުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެވެ.

މި ޕްލޭންއަކީ ޤާނޫނީ ބާރު ލިބޭގޮތަށް އެކުލަވާލާ ދުރު ރާސްތާ ޕްލޭނެކެވެ. އަދި މިއީ 2045ވަނަ އަހަރު އަންނަ އިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓާކައި ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން