Ads by Stelco

ޚަބަރު

ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް ވިހައެއް އަޅައިގެން މަރާލައިފި!

ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް ވިހައެއް އަޅައިގެން މަރާލައިފި!

އައްޑޫ ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެފައި / ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 04:35

11 އޮކްޓޯބަރު 2025، 04:35

އައްޑޫ ހުޅުދޫގައި ހުންނަ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވެއްޖެއެވެ.

ހުޅުދޫ ޢާންމުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރު ކުރީން ބިނާކުރި އެ ޕާކުގައި ގެންގުޅޭ އަސްދޫނީގެ އިތުރުން، އެކި ބާވަތުގެ އެހެން ދޫނިތައް ވެސް މަރުވެފައި އޮތްވައި ވަނީ ފެނިފައެވެ. މީގެ އިތުރުން، އެ ޕާކުގެ ފެންގަނޑުގައި އުޅޭ މަސްތައް ވެސް މަރުވެގެން ވަނީ ފެންމަތިވެފައެވެ.

މި ކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން، ހުޅުދޫ ކައުންސިލަރު ޙުސައިން ފައިޟްރަޙްމާން އަދު ވިދާޅުވީ، ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާން ފަށާފައިވާކަން ފާހަގަވާތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު ކަށަވަރުނުވިޔަސް، ބޮޑަށް ލަފާކުރެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން ދިރުންތައް މަރާލީ ކަމަށް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

"ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮތްވައި އެބަ ފެނޭ." ހުޅުދޫ ކައުންސިލަރު ވިދާޅުވިއެވެ.

އެ ފެންގަނޑުގައި ޤުދުރަތީ ގޮތުން އުޅޭ މަސްތަކުގެ އިތުރުން، އެ ތަނަށް އަޅާފައި ހުރި މަސްތައް ވެސް މަރުވެގެން ފެން މައްޗަށް އަރާފައިވާ ކަމަށް ކައުންސިލަރު ހާމަކުރެއްވިއެވެ.

ކައުންސިލަރު ޙުސައިން ފައިޟް ކިޔައިދެއްވި ގޮތުގައި، ހުޅުދޫގައި ހުންނަ އަސްދޫނި ޕާކަކީ ކޮންމެ ދުވަހަކު ހުޅުވާފައި ހުންނަ، އެތައް ބަޔަކު އެ ތަނަކަށް ހިތްހަމަޖައްސާލުމަށް ދާ ޕާކެކެވެ. މީގެ އިތުރުން، އެ ތަނަކީ ހުޅުދޫ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދައި ރައްޔިތުން އަމިއްލައަށް ބަލަހައްޓަމުން އަންނަ ތަނެއް ކަން ކައުންސިލަރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަ ތަޙުޤީޤުކުރުމަށް އެދި ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ އިރު، މިދިޔަ ހަފުތާގައި އައްޑޫ މަތިކިޅި އިކޯ ގާޑެންގައި ރޯވެ، އެ ގާޑެންގެ 80% އަނދައިގެން ގޮސްފައިވެއެވެ. އެ ޙާދިޘާއަކީ ވެސް ބަޔަކު ޤަޞްދުގައި ހުޅުޖެހުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން